އަވައްޓެރި އިންޑިޔާ ހިމެނޭގޮތަށް 14 ގައުމަކަށް ހައްޖު ވިސާދިނުން ސައުދީ ސަރުކާރުން މެދުކަނޑާލައިފިއެވެ.

ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި ހައްޖު މޫސުން ކުރިމަތިވެފައި ވަނިކޮށް، އިންޑިޔާ ހިމެނޭ ގޮތުން 14 ގައުމެއްގެ ރައްޔިތުންނަށް ސައޫދީ އަށް އެރުމަށް ވިސާ ދިނުން މެދުކަނޑާލުމަށް އެގައުމުން ވަނީ މިހާރު ނިންމާފައެވެ. އެގޮތުން އެޕްރިލް 13 ވަނަ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިމޭހާތަން ކަމަށްވާ ޖޫންމަހުގެ މެދަކާ ހަމަޔަށް ދަންދެން މި ފިޔަވަޅު ދެމިއޮންނާނެއެވެ.

މި ފިޔަވަޅުގެ ދަށުން އެ 14 ގައުމުގެ މީހުންނަށް ހައްޖު، އުމްރާ، ބިޒްނަސް އަދި ފެމިލީ ވިސިޓް ވިސާ ދޫނުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ ސަރުކާރުން މިފަދަ ފިޔަވަޅެއްއަޅާފައިވަނީ ހައްޖުގެ ދުވަސްވަރު ބައިބޯވުން ކޮންޓްރޯލް ކުރުމަށާ އަދި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވެއެވެ. އެގޮތުން ސައޫދީ ސަރުކާރުން ނިންމާފައިވަނީ އައު ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން އެޕްރިލް 13 ވަނަ ދުވަހާ ހަމަޔަށް މިގައުމުތަކުގެ މީހުންނަށް ހަމައެކަނި އުމްރާ ވިސާ ދޫކުރާ ގޮތަށެވެ.



ހައްޖު އަދި އުމްރާ ވިސާ މެދުކަނޑާލި ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާ، އަލްޖީރިޔާ، ބަންގްލާދޭޝް، މިސްރު، އިތިއޯޕިޔާ، އިންޑޮނީޝިޔާ، އިރާގް، ޖޯޑްން، މޮރޯކޯ، ނައިޖީރިޔާ، ޕާކިސްތާން ސޫދާން، ޓިއުނީޝިޔާ، އަދި ޔަމަން އެވެ.


މިފަދަ ނިންމުމެއް ސައުދީ ސަރުކާރުން ނިންމަން ޖެހުނު މައިގަނޑު އެއް ސަބަބަކީ އިންޑިޔާ ފަދަ ގައުމުތަކުން ހުއްދަނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށެވެ. އިންޑިޔާ އަދި އެހެން ބައެއް ގައުމުތަކުގެ ރައްޔިތުން ހައްޖުވިސާ ނުހޯދާ ހަމައެކަނި އުމްރާ ވިސާ ނުވަތަ ވިޒިޓް ވިސާ ނަގައިގެންވެސް ސައުދީ އަށް އެރުމަށް ފަހު ވިސާ ހަމަވިނަމަވެސް ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މަޑުކުރެއެވެ.

ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ގައުމުތަކުން އެތައް މިލިއަން ބަޔަކު ކޮންމެ އަހަރަކު ސައުދޫއަށް ދަތުރުކުރެއެވެ. މި ފަރާތްތަކުފެ ސަލާމަތާއި ރައްކާތެރިކަން ހުރިހާ ގޮތެއްގައިވެސް ކަށަވަރު ކުރުމަށް ސައުދީ ސަރުކާރުން ދަނީ މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަމުންކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން