އެމެރިކާއިން އުފައްދާ ކޯވިޑް-19 ގެ ވެކްސިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެރެ މުޅި ދުނިޔެ ހައިރާން ކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކޯވިޑާއި ގުޅިގެން އާންމުކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އުފައްދާ ވެކްސިނާ ބެހޭގޮތުން ސިޔާސީ މަގުސަދެއްގައި ފާޑު ކިޔަސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވެކްސިންގެ މަސައްކަތް ނިންމައި ނެރޭނެ ކަމަށެވެ. މީހަކު ހީވެސް ނުކުރާހާ ވެސް އަވަހަށް އެމަސައްކަތް ކުރިއައްދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ގެ ވާހަކައިގައި، 2 އަހަރު ނޫނީ 3 އަހަރު ނަގާނެ އެމަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާއިން ނިންމާނެ ކަމަށާއި، އޮކްޓޯބަރު މަހުވެސް މިވެކްސިން މަސައްކަތް ނިންމައި ބޭނުން ކުރަން ފެށިދާނެ ކަމަށެވެ.

"އަހަރެންގެ ރިޔާސަތުގައި މިއަހަރު މި ވެކްސިންގ ނެރޭނަން. ހީވެސް ނުކުރާހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެކްސިން ނެރެ ދުނިޔޭގެ ގައުމުތައް ހައިރާން ކޮށްލާ ވަރުގެ ބޭނުންވާ ކަހަލަ ޚަބަރެއް ދޭނަން. އަންނަ އޮކްޓޯބަރު މަހު ވެސް ވެކްސިން ނެރެވޭ ވަރުވެދާނެ." އެމެރިކާގެ ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ވެކްސިންގެ ރައްކާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ވެކްސިން ރައްކާތެރި ނޫން ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރު ކަމަށާއި އެމެރިކާއިން ތައްޔާރު ކުރާ ވެކްސިން އަކީ ރައްކާތެރި ވެކްސިނަކަށް ވާނެކަމަށެވެ. އަދި މިވެކްސިން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށާއި، މިކަމާގުޅިގެން ބޮޑު "ސަޕްރައިޒް" އެއް އެންމެންނަށް ލިބޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާގައި އޭޕްރިލް މަހުން ފެށިގެން ކޮވިޑް-19 ޖެހި ފުރާނަ އަށް ގެއްލުންވާ މީހުންގެ އަދަދު 85 އިންސައްތައަށް މަދު ކުރެވިފައިވާ ކަމަށެވެ. އަދި މިވާހަކަ އަކީ މީގެ ކުރިން އާންމު ކުރެވިފައި ނުވާ ވާހަކައެއް ކަމަށްވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

ޓްރަމްޕް ގެ ވާހަކައިގައި ދުނިޔޭގެ އެހެން ގައުމަކަށް ވުރެ އަވަހަށް އެމެރިކާގައި ކޮވިޑް-19 ޖެހިގެން މީހުން މަރުވާ މީހުންގެ އަދަދު މަދު ކުރެވިފައިވާކަމަށްވެސް ފާހަގަ ކުރެއްވިއެވެ. އެމެރިކާ ވާނީ ހުރިހާކަމެއްގައިވެސް އެންމެ ކުރީގައި ވާނެ ގައުމަށް ކަމަށްވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. އަދި ޓްރަމްޕް ގެ ވެރިކަމުގައި ފާހަގަ ކޮށްލެވޭނެ ހަލުވި ކަމާއެކު ވެކްސިނެއް ވެސް އުފައްދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރައްވާ ޖޯ ބައިޑެން އަދި އޭނާގެ ރަނިންގމޭޓަކީ ގާބިލު ބައެއް ނުން ކަމަށާއި، އަދި އެމީހުން ވެރިކަމަށް އަތުވެއްޖެނަމަ އެމެރިކާވެސް އަދި އެމެރިކާގެ އިގްތިސާދުވެސް ފުނޑު ފުނޑު ކޮށްލާނެއެވެ. އެމެރިކާގެ ވެކްސިން އާ ދެކޮޅަށް ކެމްޕޭނުކޮށް ސައިންސްގެ ތަހުލީލު ތަކާ ދެކޮޅު ހެދުނުކަމަށްޓަކައި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން މައާފަށް އެދެންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ބުނާގޮތުން އެމެރިކާގެ އިގްތިސާދަށް، "ޗައިނާ ވައިރަސް" އައުމުގެ ކުރިން އަންނަމުން އައި ކުރިއެރުން ޕްރޯ އެމެރިކާގެ ޕޮލިސީގެ ތެރެއިން އަލުން ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރެވި ބަލީގައި މަރުވާ ރޭޓް އެންމެ ބޮޑަށް މަދު ކުރެވިފައިވާ ގައުމަކީ އެމެރިކާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް މިހާރުވެސް އެމެރިކާގެ އެކި ސްޓޭޓް ތަކުގައި އެއްވެސް ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމެރިކާގައި މިދިޔަ ހަފުތާގައި އެކަނިވެސް 5800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހުސްވި ހަފުތާގައި އެކަނިވެސް އެމެރިކާގައި 287 ހާސް މީހުން ވަނީ ފައްސިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން