ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މި ސަރުކާރުން ކުރާ ހޭދަތަކަށް މަލާމާތް ކުރަނީ ގައުމީ ލޯބި ނެތް މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާއަށް މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ހަދިޔާކުރަން ނިންމުމާ ގުޅިގެން އެއަށް ބޭނުންވާ މިސައިލް ރާއްޖެއިން ބޮޑުއަގުގައި ގަންނަން އުޅޭކަމަށްބުނެ މީސްމީޑިއާގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެ މީހުން ބުނެފައިވަނީ މިފަދަ ކުޑަ ގައުމެއްގައި މިސައިލްގެ ގާބިލުކަން ހޯދުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި އެއީ ބޭކާރު ހަރަދުތަކެއްކަމަށް ބުނެ ސަރުކާރަށް މަލާމާތުގެ ބަސްތައް ވަނީ ރައްދުކޮށްފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން، ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަމަށެވެ.

އެގޮތުން، ކޯސްޓްގާޑްގެ ހިދުމަތާއި ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ވައިގެ މަގުން ދިވެހި އިގުތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމަށް ވެސް ވަސީލަތްތައް ހޯދިފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރި ތަކެތި ހުރީ ވެސް ހަލާކުވެ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެފައި ކަމަށެވެ. ހަމައެގޮތަށް އެ ވަސީލަތްތަކާއި އުޅަނދުތައް ހުރީ ބަދަލުކުރަން ޖެހިފައި ކަމަށާއި އަދި އިތުރުކުރަން ވެސް ޖެހިފައި ކަމަށެވެ. އެކަން އެހެންވީ ކީއްވެތޯ ކޮންމެ ރައްޔިތަކު ވެސް ސުވާލު އުފައްދަންޖެހޭކަމަށް ރައީސް ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ނޫންކަމަށާއި އެއީ ދިވެހިން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެކަން އެގޮތަށް ކޮށްގެން ލަދުގަންނަން ޖެހޭކަމަށްވަންޏާ އެ މީހެއްގެ ހިތުގައި ގައުމީ ލޯބި އޮތްތޯ ސުވާލު ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.



"މި ކަމުގައި ލަދު ގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ އެބަ ޖެހޭ ސުވާލުކުރަން. ގައުމީ ލޯބި އެބަ އޮތްތޯ؟ މި ކަމަށް މަލާމާތްކުރާ މީހުންނަކީ ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯބި ނެތް، މަވަތިކަމުން ގޮސް ސިޔާސީ ގޮތުން ގޮސް ގައުމަށް ކޮންމެ ކަމެއް ވިޔަސް ވަރިހަމަ ވިސްނުމުގެ މީހުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމުން ގައުމު ސަލާމަތް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ވެސް މިއަދު އޮތް ވާޖިބެއް ކަމަށާއި އެ ރައްޔިތަކަށް ވީ ވަރަކުން އެ ވިސްނުމާ ދެކޮޅު ހެދުމަކީ ވެސް މުހިންމު ކަމެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން