ރައީސް މުއިއްޒު--
ރައީސް މުއިއްޒު--
މި ސަރުކާރުން އަބަދުވެސް ކަންކަންކުރަމުން ދާނީ އިންސާފުގެ މަގުން ކަމަށާއި އެއްވެސް ރައްޔިތަކާމެދު ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި އުފެއްދި ކޮމިޝަނާމެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. ހަމަ އެހެންމެ އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ޔުމްނުގެ މައްސަލައިގައި ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމުކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާއި ދޭތެރޭ ތަފާތު ކުރުމަކީ އަދި އަނިޔާވެރި ވުމަކީ ވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތް ތާނގައި ވެސް، އެ މަނިކުފާނުގެ އުސޫލެއް ނޫން ކަމަށެވެ.

އަދި ޔުމްނުގެ ހާދިސާގައިވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ގެންގުޅުއްވާ އުސޫލަކީ އެކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ޒިންމާދާރުގޮތެއްގައި އެ މައްސަލަ ބަލައިނިމި، އެއްވެސް މީހަކަށް ތަފާތުނުކުރެވޭކަން ކަށަވަރުކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ ހަމަޖެހުމާއި އިންސާފާއި އަދާލަތު ގާއިމުވެފައި އޮތުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައިވެސް އެ އިންސާފާއި ޤާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން