މިދުވަސްވަރު ރާއްޖޭގައި އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ޔުމްނު އުސް އިމާރާތަކުން ވެއްޓުމާ ގުޅޭ ހިތާމަވެރި ހާދިސާއަށެވެ. ފުލުހުންގެ ތަހުގީގުން ހާމަވާ ގޮތުގައި މިކަމެއް ހިނގާ ދިޔައިރު ޔުމްނު ހުރީ މަސްތުގެ ހާލުގައެވެ. އިވޭއަޑުތަކާއި ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި އަދި ގިނަ މީހުންގެ ސިފަކުރާ ގޮތުންނަމަ އެކަމެއް ހިނގާ ދިޔައީ، "ބިރަކާނުލާ މަޖާކޮށްލަން" ޕާޓީ ކޮށްލުމަށްފަހު ހަމައިން ނެއްޓިދިޔަ ހިނދުކޮލުގެ ތެރޭގައެވެ.

ފުލުހުން ހޯދި ފުރަތަމަ މަރުހަލާގެ މައުލޫމާތުތައް ހާމަ ކުރުމާއެކު މުޅި މަޝްރަހު މިވަނީ ބަދަލުވެގެން ގޮސްފައެވެ. އެގޮތުން މިހާރު އެންމެ އަޑުގަދައީ މި މައްސަލާގައި އިންސާފު ހޯދުމުގެ ނަމުގައި މާލޭގައި ކޮންމެ ރެއަކު ޒުވާނުން ކުރަމުން ގެންދާ މުޒާހަރާގެ އަޑެވެ.

މުޒާހަރާއަށް ނުކުތީ ހަމަ ރަނގަޅު މަގުސަދެއްގައެވެ. އެހެންނަމަވެސް އެ މުޒާހަރާތައް ޓީވީ ތަކުންނާއި މީސްމީޑިއާގެ ޕްލެޓްފޯމްތަކުން ލައިވްކޮށް ދައްކަމުން ދާއިރު ބޭއަދަބީ އަޑުތަކާއި މަންޒަރުތަކާއި ހުތުރު ބަސްތަކުން އަނެކުންގެ އަބުރު ކަތިލުމަކީ ހިތާމަހުރި ކަމެކެވެ.



މިއީ އިންސާފު ހޯދަން ނިކުމެގެން އުޅޭ ނަމޫނާ ޒުވާނުންގެ ކިބައިން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. ޒުވާނުންނެއް ކަމަކު ކޮންމެ ގޮތެއް ވަރިހަމަކޮށް، ދުލަށް އައިހާ އެއްޗެއް ގޮވައި، އެނގޭހާ ހުތުރު، ބޭއަދަބީ ބަސްތަކުން މުޅި މާހައުލު ކިލަނބު ކުރުމަކީ އިންސާފަށް އޮތް މަގެއް ކަމަކަށް ގިނަބަޔަކު ބަލައެއް ނުގަންނާނެއެވެ.

އަނެއްކޮޅުން ޑިމޮކްރެޓްސް އާއި އެމްޑިޕީގެ ސިޔާސީ އެކްޓިވިސްޓުން މީގެތެރެއަށް ވަދެ މިކަން ބޮޑު ސިޔާސީ ކަމަކަށް ބަދަލުވެ ހަރަކާތުގެ މުޅި މަގުސަދާއި މަންޒަރާއި އުފުލަމުން ދިޔަ އަޑުތައް ވެސް ވަނީ ބަދަލުވެފައެވެ. ކުރިން އިވުނު ރަނގަޅު ޝުޢޫރުތަކާ ހެޔޮލަފާ އަޑުތަކެއް މިހާރަކު ނީވެއެވެ.

މުޒާހަރާގެ އެޖެންޑާއާއި ޑިމާންޑްތައް މިހާރު ކަނޑައަޅާ އިޢުލާނު ކުރާތަން ފެންނަނީ "ކުރުސީ" އާއި ޑިމޮކްރެޓްސްގެ އިސް ވެރިންނެވެ.

މުޅި ފުލުހުންގެ މުވައްސަސާ ބަދުނާމުވާ ގޮތަށް ކުޑައިމީސް ބަސްތައް އެބަ ރައްދު ކުރެއެވެ. ހުރިހާ ފުލުހުންނަށް ރައްދުވާ ގޮތަށް ބަދު ބަސްތައްބުނެ ހުތުރުނަން އަޅުވައެވެ. އެ މުއައްސަސާގައި ރަނގަޅު އެކަކުވެސް ނެތެވެ. ރަނގަޅު އެއްކަމެއްވެސް ނެތެވެ.

މީސް މީޑިއާގެ ކޮމެންޓްތަކަށް ބަލާއިރު މުޒާހަރާގެ އަމާޒު މިހާރު ގެއްލިއްޖެއެވެ. އިދިކޮޅުން މިހާތަނަށް ކުރަމުން އައި ތުހުމަތު ތަކާ އެއްގޮތަށް މުޒާހަރާގެ ޑިމާންޑްތަކާއި އަޑުތައް ބަދަކުވެއްޖެއެވެ. އިދިކޮޅުން ބޭނުންވާ ގޮތަށް މީހުންގެ އިސްތިޢުފާއަށް ގޮވައި ރައީސުލްޖުންހޫރިއްޔާ މަޢާފަށް އެދިވަޑައިގެންނެވުމަކީވެސް ޑިމާންޑަކަށް ވެއްޖެއެވެ.

މީސްމީޑިއާގައި ބައެއް ޒުވާނުން މިހާރު ބުނަނީ މުޒާހަރާކުރަން "އޯކޭ" ކަމަށެވެ. އެކަމަކު މިހާރު މުޒާހަރާގައި ނަގާކިޔާތީ ފެންނަ މީހުންނާ ގޮވާ އެއްޗެއްސާ ކުރާ ބައެއް ޑިމާންޑްތައް ކަމުނުދާ ކަމަށެވެ.

އާއިލާއާއި އެކުގައި ތިބެގެން ބަލާލެވޭވަރަށްވުރެ ދަށު ދަރަޖައިގެ ވާހަކަތަކާއި މަންޒަރުތައް ފެނުމަކީ ރަނގަޅު ގޮތުގައި ކުރާ ކަމެއް ކަމުގައި ބަލައިގަތުމަށް ތަންކޮޅެއް އުނދަގޫ ކަމެކެވެ. އެފަދަ އަޑުތަކުގެ ތެތެއިން "މަނީ މަނީ، ޔެސް ސަރ" ފަދަ ބަސްތަކަކީ ސީދާ އެމްޑީޕީގެ ބަސްމަގެވެ. ފުލުހުންގެ ކުރިމައްޗަށް ފައިސާ އުކައި އެމީހުންގެ މައިން ބަފައިންނާ ބެހި ހުތުރު ބަސްތަކުން މުހާތަބު ކުރުމަކީ އެމީހުން ފުލުހުންނާ ދެކޮޅަށް ހިންގި ހަރަކާތްތަކުން އިވުނު އަޑުތަކާއި ފެނުނު މަންޒަރު ތަކެވެ.

ހަގީގަތުގައި މިއީ މިފަދަ ރަނގަޅު މަގުސަދެއްގައި ފެށި ކަމެއްގެ ތެރެއިން ފެންނަން ބޭނުންވާނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އިންސާފު ހޯދޭނެ މަގެއް ވެސް ނޫނެވެ.



ހަގީގީ މައްސަލައަށް ފޯކަސްކޮށް ކަންކަން އަލުން ތަރުތީބު ކުރުވަން ބާރުއަޅައި މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ފުލުހުންނަށާއި މުވައްސަސާތަކަށް ފުރުސަތުދޭށެވެ. އެހެން ނޫނީ ނުރަނގަޅު ޕްރެޝަރަށް ފުލުހުން ޖަވާބުދާރީވާން ޖެހި، ފުލުހުންގެ އަސްލު މަސައްކަތުގެ ފޯކަސް ގެއްލި، ތިޔަ ބޭނުންވާ ފުރިހަމަ ނަތީޖާ ހޯދުން ލަސްވެ މިސްރާބު ވެސް އޮޅިގެން ހިނގައިދާނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އަޚުލާގީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ގޯސް މަގަކުން ހިނގައިގެންނެވެ. އިހުމާލު ތަކެއް ވެސް އޮވެގެންނެވެ. މާތްވެގެންވާ އިސްލާމް ދީން ބުނެދޭ ގޮތާއި ޚިލާފަށް، ދަރިންނަކީ އަމާނާތެއް ކަމުގައި ރަނގަޅަށް ގަބޫލު ނުކުރެވި، އެމަގަށް ޒިންމާ އުފުލިފައި ނުވާތީއެވެ. އަންހެން ދަރިއަކާމެދު މައިންބަފައިންނަށް އިހުމާލު ވެވިގެންނެވެ. މި ހަގީގަތް ވެސް ގަބޫލުކުރަމާ ހިނގާށެވެ.

އެރޭ ހަމައިން ނެއްޓިގެން އަމިއްލައަށް ވެއްޓުނަސް އަދި އެކަން ހިނގާ ދިޔައީ އެހެން މީހެއްގެ ސަބަބުން ކަމުގައި ވިޔަސް އެކަން ސާފުވާން އޮތީ ރަނގަޅު އިންސާފުވެރި ދެފުށްފެންނަ ތަހުގީގެއް ހިންގައިގެންނެވެ. ތަހުގީގުގައި ކުރިން ގޯސްތަކެއް ހިނގާފައި ވާނަމަ އެކަންކަން ރަނގަޅުކޮށް މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި މުވައްސަސާތަކަށް ފުރިހަމައަށް ފުރުސަތުދޭށެވެ. ނަތީޖާ ނުނެރެވިއްޖެނަމަ ނުކުމެ މުޒާހަރާ ކުރަންވީއެވެ. އަޑުއުފުލަންވީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން