ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބާރުލުންދޭ މިންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން 'އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް'ގެ ދާއިރާއިން އެ މަނިކުފާނަށް ޑޮކްޓާ އޮފް ފިލޯސޮފީގެ އޮނަރަރީ ޑިގްރީއެއް އެރުވުމާއި ގުޅިގެން އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހަފްލާގައި ރައީސް ވަނީ އިސްލާމީ ގައުމުތަކުގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިސްލާމީ ގައުމުތައް ކުރިއަރާ ދިޔުމަށްޓަކައި އެއް ގައުމަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ރިސާޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓާތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންޓެލެކްޗުއަލް ރެނޭސަންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑާން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން' މައުލޫއުއަށް ދެއްވި ތަގުރީރުގައި ރައީސް ވަނީ އިސްލާމީ އުންމަތުގެ ފަހުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމަށް އިސްލާމީ ގައުމުތަކަށް ގޮވާލައްވާފައެވެ.

އެގޮތުން، އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ގަރުނާއި ސާދަވަނަ ގަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަގުވާމީ އުފެއްދުންތެރިކަމާއި އިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޞާރާތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އޭރު، އިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވާސިޓީތަކުގެ ވިއުގަތައް ގާއިމުކޮށްފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ގައުމުތަކުގެ ޒުވާނުން ބާރުވެރި ކުރުވުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއް (ރެނޭސަންސް)ގެ ހުޅުކޮޅު ރޯކުރެވޭނީ، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން