ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް މާލީ ވުޒާރާއިން ހުޅުވާލައިފިއެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 730 މިލިއަން ރުފިޔާގެ ޓީ ބިލަކާއި، 98 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 100 މިލިއަން ރުފިޔާގެ ޓީ ބިލެއް އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 447 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް 924 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ.

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

ސަރުކާރުން މި ފަހަރު ވިއްކާލުމަށް ހުޅުވާލި ޓީބިލްތަލުގެ އިންޓްރަސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ. ޓީ-ބިލް ވިއްކަނީ ދައުލަތުގެ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހި ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕު ނުކޮށް އެކަން ކުރެވޭނެ ގޮތް ހެދުމަށެވެ.

ޓީބިލާއި ޓީބޮންޑުގެ މައުލޫމާތު މީގެ ކުރިން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އާންމު ކުރަމުން ދިޔަ ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ޓީބިލް ވިއްކައި ތަފާސް ހިސާބުތައް ބެލެހެއްޓުން ވަނީ މާލީ ވުޒާރާގެ ދަށަށް ބަދަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން