ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ބާއްވާ އެފްއޭއެމް ލީގު ކަޕްގައި ނިއުރޭޑިއަންޓުގެ ފުރަތަމަ މެޗް ވަރުގަދަ މާޒިޔާއާ ދެކޮޅަށް ކުޅޭގޮތަށް ތާވަލު ކޮށްފިއެވެ.

މެއި މަހުގެ 4 ވަނަ ދުވަހު ފަށަން ނިންމާފައިވާ މި މުބާރާތުގައި ޖުމުލަ 5 ޓީމެއް ބައިވެރިވާއިރު މުބާރާތް ފެށުމުގެ ގޮތުން އެ ދުވަހު ކުޅޭނީ ޓީސީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ. އެއަށްފަހު މެއި 5 ވަނަ ދުވަހު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފަސްޓް ޑިވިޒަންގައި ހިމެނޭ މާޒިޔާ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓެވެ.

މި މެޗް ވެގެންދާނީ މި އަހަރުގެ ސީޒަން ފެށުމަށް ނިއުރޭޑިއަންޓު ކުޅޭ ފުރަތަމަ މެޗަށެވެ. ޓީމް އެކުލަވާލައި، ފަރިތަކުރުންތައް މިހާރު ފޯރީގައި ނިއުރޭޑިއަންޓުން ކުރިއަށް ގެންދާއިރު، ސީޒަން ފެށުން އިފްތިތާހު ކުރުމަށް އެ ކުލަބުން ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

ސީޒަން ފެށުމަށް ނިއު ކުޅޭ މި މެޗް ތާވަލު ކޮށްފައިވަނީ 5 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ. އެހެންކަމުން، ނިއުގެ ޖޯޝާއި ފޯރީގައި އެއް ރޫހެއްގައި ޓީމްގެ ސަޕޯޓަރުން ޓީމަށް ސަޕޯޓު ކުރުމަކީ ނިއުރޭޑިއަންޓުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ޓީމުން ބުނެއެވެ. އަދި ހާއްސަކޮށް ވީހާވެސްގިނަ ސަޕޯޓަރުން އެ ދުވަހު ދަނޑަށް ދިޔުމަކީ ނިއުރޭޑިއަންޓުގެ މެނޭޖުމަންޓުގެ ބޮޑު އެދުމެއްކަމަށް ވަނީ ބުނެފައެވެ.

ނިއުރޭޑިއަންޓުގެ ފުޓްބޯޅައިގެ ކާމިޔާބީގެ ދަތުރުގައި އެޓީމުންވަނީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށް، އެއީ "ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު"ކަން ސާބިތުކޮށްދީފައެވެ.

ފުޓްބޯޅައިގެ ގިނަބަޔަކު އެހެން ދެކޭ ސަބަބުތަކުގެ ތެރޭގައި 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކުރުމާއި އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށި މިލްކު ކޮށްފައިވުން ހިމެނެއެވެ. އަދި ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެފްއޭއެމް ލީގު ކަޕްގައި ކުޅެނީ ފަސް ޓީމެކެވެ. އެއީ، ނިއު، މާޒިޔާ، އޮޑި، ޓީސީ އަދި މަހިބަދޫއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން