ހޯމް މިނިސްޓްރީން ލަންކާގެ ކުންފުންޏާއެކު އެެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީން ލަންކާގެ ކުންފުންޏާއެކު އެެއްބަސްވުމުގައި ސޮއި ކުރުން، ފޮޓޯ: ހޯމް މިނިސްޓްރީ
އިންސާނީ ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދެވޭނެހެން، ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުން ލަންކާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓްކުރުމަށްޓަކައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރަސްޓްރަކްޗާތަކުގެ މައްޗަށް އިންސާނުންގެ އަމަލުތަކުން ނުވަތަ ދިމާވާ ގުދުރަތީ ހާދިސާއެއްގެ ސަބަބުން އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ހިދުމަތްތައް އިއާދަކުރުމާއި، ސަރުކާރުގެ ހިންގުން ހުއްޓުނަނުދީ ކުރިއަށް ގެންދާނެގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ޕްލޭން ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލަންކާގެ، ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާއެވެ.

މި އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންސީއައިޓީގެ އިސްވެރިޔާ މިނިސްޓާ އޮފް ސްޓޭޓް ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޭބީއެސްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަނޭޝަނަލް ބިޒްނަސް، މރ. ކްރިޝާން ޕެރޭރާ އެވެ.

ހޯމް މިނިސްޓްރީން ބުނީ މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 4 މަސްދުވަސްތެރޭ ނިންމާ ގޮތަށް ކަމަށެވެ. އަދި މި މަސައްކަތަށް 45,525 އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އަދި މި މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ލަންކާގެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށް ވާންޖެހޭ ކަމަށެވެ.

އަދި މި ޕްލޭން އެކުލަވާލާއިރު 22 އަހަރުވެފައިވާ މި އިންފްރަސްޓްރަކްޗާގެ މިވަގުތުގެ ހާލަތާއި، ގުދުރަތީ ކާރިސާތަކާއި، ސައިބާ ހަމަލާތަކާއި، ކަރަންޓް ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓްތައް ހެދުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަދަ ޕްލޭނެއް ތަންފީޒު ކުރުމާ ގުޅޭގޮތުން މުވައްޒަފުންގެ ހުންނަން ޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީ ކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން