އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް، ފޮޓޯ: ރައީސް އޮފީސް
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުގެ ސަމާލުކަން ލިބިއްްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.

މި ބައްދަލުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިންގާ ބޮޑެތި މީޑިއާ ޗެނަކްތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި މިއީ ދުނިޔޭގެ ލީޑަރަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ކަމަށް ބައިނަލްއަގްވާމީ ގިނަ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އިއްޔެ ހެނދުނު 10:00 ގައި ފެށި މި ބައްދަލުވުން ރޭ ދަންވަރު 01:00 އާ ހަމައަށް ދިގުލައިގެން ދިޔައެވެ. ނަމާދު ވަގުތުތަކަށް 15 ވަރަކަށް މިނެޓުގެ ހުސްވަގުތުކޮޅު ފިޔަވައި، 15 ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ ވަރަށް ކެތްތެރިކަމާއި، ސާބިތުކަންމަތީ ހުންނަވައި ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައި 36 ނޫސްވެރިޔަކު ބައިވެރިވެފައިވާއިރު، ރައީސްއާ 300 އަށްވުރެ ގިނަ ސުވާލު ކޮށްފައި ވެއެވެ. އަދި ރައީސް ވަނީ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

މިއީ ތާރީހުގައި ލިޔެވޭފަދަ ރިކޯޑެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

މީގެ ކުރިން މި ރެކޯޑު އޮތީ 2019 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށެވެ. އެ ބައްދަލުވުން ދެމިގެންދިޔައީ 14 ގަޑިއިރަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ގިނަގިނައިން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވީހާވެސް ހާމަކަން ބޮޑުކޮށް ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރުމަށް އިސްކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން