ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މި ސަރުކާރުން ރައްޔިތުން އެދޭ އަމާޒަށް ކުރާ ދަތުރުގައި ބައިވެރިވެ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިގޮތަށް ގޮވާލެއްވީ، ދަޢުލަތުގެ އިދާރާތައް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް މީސްމީޑިއާ މެދުވެރި ކުރަށްވައި ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ، ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތެއް ފަށާ ކޮންމެ ފަހަރަކު ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

“މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު. ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު.” ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މި ޕްރޮގްރާމަކީ ދެފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމް ކަމަށާއި، މި ނިޒާމްގެ ސަބަބުން ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

“މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން.” މި ޕްރޮގްރާމްގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ދަޢުވަތު ދެއްވަމުން ރައީސް ވިދާޅުވެފައިވެއެވެ.



ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު "މޯލްޑިވްސް 2.0" ސަމިޓް އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރު އަންނަންވާއިރަށް ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި، އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން މަސައްކަތް ކުރާގޮތަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

އަދި މިބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން