ހުޅުމާލޭގައި ހިންގަމުންދިޔަ ފިޒިއޯ ކްލިނިކް މޯލްޑިވްސްއަށް ފަރުވާއަށް ދިޔަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާލިބޭގޮތަށް ކަންތައް ކޮށްފައިވާތީ މައްސަލާގައި އެތަނުގެ ދެ މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފިއެވެ.

މިއަދު މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ދެ މީހަކު ވެގެން އެ ކުއްޖާ ހިފަހައްޓަން އުޅެއެވެ. އަދި ކުއްޖާ ހިފަހައްޓަން އުޅުމުގެ ތެރޭގައި އެކުއްޖާގެ އަތަށް ކޮންމެވެސްވަރެއްގެ އަނިޔާތަކެއް ލިބިފައިވާތީ އެ ވީޑިއޯގައި އެ މަންޒަރުތައް ދައްކާފައިވެއެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ކޮނޑަށްވުރެ ތިރިން ދެ ތަނަކުން އަނިޔާވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މިދިޔަ ހޯމަ ދުވަހު ހިނގި ހާދިސާއެކެވެ. މި މައްސަލަ ފެންމަތިވުމުން އެ ކްލިނިކްގެ ފަރާތުން މިހާރުވަނީ ބަޔާނެއް ނެރެފައެވެ.

ފޭސްބުކްގައި އެ ކްލިނިކުން ބުނީ، ކްލިނިކްގެ މުވައްޒަފުންގެ ފަރާތުން ފެނިގެންގޮސްފައިވާ އެ އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި އެއީ ކުލިނިކުން ދަމަހައްޓަމުންދާ އުސޫލުތަކާ މުޅިން ހިލާފު ކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ބުނެފައިވަނީ އެ ކްލިނިކަކީ ފަރުވާދޭ ވަގުތު ވެސް ބެލެނިވެރިޔާއަށް މަންޒަރު ފެންނަގޮތަށް ހަމަޖައްސާފައިވާ ތަނެއްކަމަށެވެ.

ނަމަވެސް، މި ހާދިޔާ މިހެން ހިނގުމާއި ގުޅިގެން އެކަމުގައި އުޅުނު މުވައްޒަފާއި އެތަނުގައި އެވަގުތު ދެން ހުރި މުވައްޒަފު ވެސް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުންޏެވެ.

އަދި މައްސަލާގެ ސީރިއަސްކަމަށް ބަލައި ކްލިނިކް ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ވެސް އެ ކްލިނިކުންވަނީ ބުނެފައެވެ.

މި މައްސަލާގައި ކްލިނިކުން އިސްވެ ފިޔަވަޅުތަކެއް އަޅާފައިވާއިރު ފުލުހުން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން