ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް އޭނާގެ ފަރާތުން ކުރައްވާފައި ނުވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް އޭނާގެ ފަރާތުން ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތެއް އޮތް ވާހަކަ އެއް ނޫން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ޓަކައި އަޅުގަނޑުގެ ފަރާތުން ހަމަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ،" ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، ކުރީގެ ފަނޑިޔާރެއް ދައްކަވާފައިވާ ސިޔާސީ ވާހަކަތަކަށް ރައްދު ނުދޭތީ، ގިނަ ރައްޔިތުންނަށް ގަބޫލުކުރެވެނީ އެ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމުގައެވެ. ނަމަވެސް، އުޝާމް ވިދާޅުވީ، މިހާރުގެ ސަރުކާރު އައުމަށްފަހު، ކުރީގެ ފަނޑިޔާރު ސުޢޫދު އެކި ގޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މެސެޖު ފޮނުއްވައި، ވާހަކަ ދައްކާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑިޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީވެސް އެ ބޭފުޅަކު،" ސްޕުރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު އޭނާ އަށް ކުރެއްވި ތުހުމަތުތައް ދޮގުކުރަށްވައި އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އުޝާމް އިތުރަށް ވިދާޅުވީ، މި މައްސަލަ ތަޙުޤީޤު ކޮށްފި ނަމަ، އޭނާއަށް ޖަވާބުދާރީވެވޭނެ ކަމަށެވެ. އަދި އެއްވެސް ޒަމާނެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ވަރަށް ޔަޤީންކަމާއެކު އޭޖީ ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ސުޢޫދު އެކި ފަރާތްތައް މެދުވެރިކޮށް ފޮނުއްވާފައިވާ މެސެޖުތަކާއި، ރައީސާ ބައްދަލުކުރައްވައި ދައްކަވާފައިވާ ވާހަކަތަކުން، ޙަޤީޤަތުގައި ނުފޫޒު ފޯރުވަނީ ސުޢޫދުކަން ހާމަވާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓަށާއި ޝަރުޢީ ދާއިރާއަށްވެސް ނުފޫޒު ފޯރުވީ ސުޢޫދުކަން އެނގޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، އަޒްމިރަލްދާއަށް އުޝާމް އިންޒާރެއް ދެއްވި ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވާއިރު، އެއީވެސް ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަޒްމިރަލްދާ އިޝާރާތްކުރެއްވި ކަމެއް ހިނގާފައިވަނީ، ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލަ ބެއްލެވުމުގެ ކުރިން ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އުޝާމް ވަނީ، ދުސްތޫރީ މައްސަލައިގެ ދެ އަޑުއެހުމެއް ކުރިއަށްދިޔައިރުވެސް، ސުޢޫދާއި އަޒްމިރަލްދާ ބެންޗުގައި އިންނަވައިގެން، ސަރުކާރުން ނުފޫޒު ފޯރުވި ވާހަކަ ނުދެއްކެވީ ކީއްވެގެންތޯ ސުވާލު ކުރަށްވާފައެވެ.

އޭޖީ މިހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ސަރުކާރުން ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން