އެއްވެސް ނުފޫޒަކަށް ބޯނުލަނބައި ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތާއި މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައި، ތަޅުމަށް ހުށައެޅުމުން މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. ތަޅުމުގައި ވަކިވަކިން ނެގި ވޯޓުގައި އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން 68 މެންބަރުން ވޯޓުދެއްވިއިރު ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު ވިދާޅުވީ އެ ކޯޓުގައި އޭނާ ކުރެއްވި މަސައްކަތްތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގައި ކުރެއްވި ހުރިހާ މަސައްކަތެއްވެސް ކުރައްވާފައިވާނީ ކުރަށްވާ ހިތްޕުޅުންނެވެ. އަދި ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަންބަވައި މިހާހިސާބަށް އާދެވުނުކަމާމެދު އުފާކުރައްވާ ކަމަށްވެސް މަހާޒު ވިދާޅުވިއެވެ.

"ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒު ވިދާޅުވިއެވެ.

މީގެއިތުރުން، މަހާޒަށް ހިތްވަރު ދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ނޫސްވެރިންނާއި، ޤާނޫނީ ވަކީލުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ވަކިވަކި ފަރުދުންގެ ހައިސިއްޔަތުން ޤާނޫނާ ޚިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހަދައި، ފާޅުކުރެއްވި އެންމެހައި ޝުޢޫރުތަކަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެއް ބެލުމަށްފަހުއެވެ.

ޖޭއެސްސީން ފޮނުވި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކުރި ފަހުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ޖޭއެސްސީގެ ނިންމުން ގާނޫނާއި ހިލާފު ކަމަށް ލަފާ ދެއްވާފައެވެ. އެކަމަނާ ދެއްވި ލަފާގައި ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން