ހިޔާލީ ތުހުމަތެއް އުފައްދައި ހިންގި ޣައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް އެކަމަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަކީ މުޅި ޖުޑިޝަރީއަށް ދިން ހަމަލާއެއްްގެ ގޮތުގައި އެކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރި އަޒްމިރާލްދާ ޒާހިރު ސިފަކުރަށްވައިފި އެވެ.

ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމާއި ގުޅިގެން އަޒްމިރާލްދާ ޒާހިރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ހިޔާލީ ތުހުމަތަކާއި ގާނޫނާ ޚިލާފު ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް އެކަމަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަކީ މުޅި ޝަރުޢީ ދާއިރާއަށް އަމާޒުކޮށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. އަދި ކޯޓު ފުނޑާލުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަޒްމިރާލްދާ ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ މި ޤައުމުގައި ޤާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން، އަޅުގަނޑު ފޮނުވާފައިވާ ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި، މި ޤައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި، ޢަދުލު އިންސާފު ޤާއިމުކުރެވޭނެ ކަމަށެވެ،" އަޒްމިރާލްދާ ބަޔާނުގައިވެއެވެ.

އަޒްމިރާލްދާ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި އެއީ ފަސޭހައިން އަތުން ފޮހެލެވޭވަރުގެ ކަމެއްވެސް ނޫން ކަމަށް އަޒްމިރާލްދާ ވިދާޅުވިއެވެ.

އަޒްމިރާލްދާ އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން އެކަމަނާ ވަކިކުރުމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ވޯޓު ދެއްވާފައިވަނީ އެކަމަނާގެ ކުށެއް ނެތްކަން އެނގިތިބެ، "އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތްކުރައްވައިގެން" ކަމަށެވެ.

މީގެއިތުރުން އަޒްމިރާލްދާ ވިދާޅުވީ، އެކަމަނާގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވާފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ކަމަށެވެ. ރާއްޖޭގައި ޤާނޫނުގެ ވެރިކަން ނުހިނގާކަން މިކަމުން ވެސް ސާބިތުވާ ކަމަށް އަޒްމިރާލްދާ ވަނީ ވިދާޅުވެފައެވެ.

"ގާނޫނުގެ ވެރިކަން ހިނގާ ނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް، އަސާސީ ހައްގުތައް ކަށަވަރުކުރެވި، ނުހިނގާ ކަމެއް ހިނގި ކަމަކަށް ހަދައިގެން ބަޔަކު އަޅުގަނޑުގެ މައްސަލަ ތަހުގީގު ނުކުރާނެ،" އަޒްމިރާލްދާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެއް ބެލުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން