ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ޖުޑީޝިއަރީއަށް އޮތް އިތުބާރު ގެއްލި ފޫނުބެއްދޭ ވަރުގެ ގެއްލުން ޤައުމަށް ލިބޭނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ފަނޑިޔާރުކަމުން ވަކިކުރުން އެޕާޓީންއިން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ޢަމަލެއް ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ވަކިކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި، ގާނޫނުތަކާ ޚިލާފަށް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އަދި ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލާފައިވަނީ ގާނޫނާ ޚިލާފަށްކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދެއްވި ލަފާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ކޮމިޓީ މަރުޙަލާގައި ދެ ފަނޑިޔާރުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާއިރު، އެ ފަނޑިޔާރުންގެ މައްޗަށް ކޮށްފައިވާ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާޢުވުމުގެ ޙައްޤުން މަޙްރޫމް ކޮށްފައިވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނީ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި އިންސާފުގެ ހަމަތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ޤައުމަށް ލިބޭނެ ކަމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރުނު ނަމަވެސް ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން މަގާމުން ވަކިކޮށް ބެންޗު އެއްކޮށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ ރައީސް ސާލިޙްގެ ވެރިކަމުގައި އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.

ރައީސް ސާލިޙްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން 08 ފަނޑިޔާރަކު މަގާމުން ވަކިކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން