ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ނުވާނެ ގޮތަށް ނިޒާމް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާއި ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް އަންނަ ޚިޔާލަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ބަދަލުވުމުން ފަނޑިޔާރުން ބަދަލުކުރުމަކީ ޤާނޫނުއަސާސީ ތަޞައްވުރުކުރި ގޮތާ އެއްގޮތަށް ނޫން، ނަމަވެސް މިހާރު މިވަނީ އުންމީދުކުރި ގޮތާ ޚިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް އުފެދިފައި." ވެރިކަމުގައި ހުންނަވައި އެމަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ ޢަބުދު ﷲ މުޙައްމަދު ގާނޫނާއި ހިލާފަށް ބަންދުކުރި މައްސަލަ އާއި ގުޅިގެން ޓެރަރިޒަމްގެ ހުކުމެއް ތަންފީޒު ކުރަށްވާފައިވާ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، 2008 ގައި އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު އާ ސުޕްރީމް ކޯޓެއް އެކުލަވާލަން ޖެހުނެވެ. އޭގެ ފަހުން، 2013، 2018 އަދި 2023 ގެ ރިޔާސީ އިންތިޚާބުތަކަށް ފަހުގައި، ކޮންމެ ވެރިކަމަކުން ވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ވަރަށް ބޮޑު މައްސަލައެއް، އަދި ރަނގަޅު ކަމެއް ނޫން، މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ. އެގޮތުން މިއަދު މަގާމުން ވަކިކޮށްފައިވަނީ ސްޕުރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން