އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށް ދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށް ދަނީ
އެއްބުރުން ނިމޭ ގޮތަށް ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިއުމަށް ވަކާލާތުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރަށް ބައެއް އިސްލާޙުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް ވަކާލާތުކުރަށްވާ ކަމަށެވެ. މިބަދަލާއެކު މިހާރު އޮންނަގޮތަށް، 2 ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މިކަންކަން މި ގޮތަށް ނިންމުމުން ދަޢުލަތުގެ ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާނެ ކަމަށާއި، ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް ޤަބޫލުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް މިއަދު ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އޭގެއިތުރުން 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން އައްޔަން ކުރާ ގޮތަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބަދަލު ކުރެއްވުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅުވެސް ރައީސް މިއަދު ޙިއްސާ ކުރަށްވާފައިވެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ސިލްސިލާގެ މި ހަފުތާގެ އެޕިސޯޑް ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރިޔާސީ ދައުރު ފެށޭ ތާރީޚަށް އައި ބަދަލު، އަނބުރާ ދެން އިޢާދަ ކުރެވިދާނެތޯ ކުރެވޭ ސުވާލަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން، ރިޔާސީ ދައުރު ފެށޭ ތާރީޚު ޤާނޫނަށް ގެނެވޭ އިޞްލާޙެއްގެ ދަށުން ބަދަލު ކުރެވިދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިކަންކަމުގައި މަޝްވަރާ ކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ރައީސް މިއަދު ވަނީ ފާހަގަ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން