31 ބައިވެރިންނާއެކު ހެލްތު މިނިސްޓްރީން މެންޓަލް ހެލްތު ގެޕް ޓްރެއިނިންއެއް ބާއްވައިފި އެވެ.

މި ޓްރެއިނިންގ އާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއިން ބުނީ، މިއީ ނަފްސާނީ އުނދަގޫތަކާއި އަދި ބަލި ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި، ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދިޔަ ޓްރެއިނިންގ އެއް ކަމަށެވެ. އަދި އެފަރާތްތަކާއެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މައުލޫމާތާއި، ހުނަރު އަދި ގާބިލުކަންވެސް މި ޓްރެއިނިންގެ ތެރެއިން އިތުރުކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަހުގެ 11-15 އަށް ކުރިއަށް ގެންދިޔަ މެންޓަލް ހެލްތު ގެޕް ޓްރެއިނިންގް ޕްރޮގްރާމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

”ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދުވުމުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލަމުން ދާ ގައުމުތަކުގައި ގުޅުން ހުރި ހިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ހިދުމަތްތެރިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްގެން ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަގު ކުޑަކުރުމުގެ ގޮތުން ތަންފީޒުކުރަމުންދާ ތަމްރީން ޕްރޮގްރާމެއް.“ މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ބުނީ ގްރޭޓާ މާލޭ ސަރަހައްދުން ކަމާގުޅުންހުރި ޖުމްލަ 31 ބޭފުޅުން އެ ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޔުނިސެފް އަދި އައިޖީއެމްއެޗްގެ ނެޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުގެ ފަރާތުން ކަމަށް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން