މުޙައްމަދު ނާޖިޙު   21 މޭ 2025 - 18:44
ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ އޮލިމްޕަސް ސިނަމާއެވެ. މިއީ ދިވެހިރާއްޖޭގައި ހުޅުވުނު ޒަމާނީ ފެންވަރުގެ ފުރަތަމަ ބައިސްކޯފުގެއެވެ. އަދި މާލޭ ސިނަމާ ކުންފުނީގެ ދެވަނަ ބައިސްކޯފުގެއެވެ. މާލޭ ސިނަމާ ކުންފުނިން ފުރަތަމަ ހެދި ބައިސްކޯފުގެއަކީ ފަރީދީ ސިނަމާއެވެ. ފަރީދީ ސިނަމާ ހުޅުވީ 11 ޖެނުއަރީ 1956 ގައެވެ. ނަމަވެސް، 12 އޮގަސްޓު 1956 ގައި ފަރީދީ ސިނަމާ އަނދައިގެން ދިޔައެވެ.

އޮލިމްޕަސް ހުޅުވީ މީގެ 66 އަހަރު ކުރިން، 21 މެއި 1959 ގައެވެ. މި ތާރީޚީ ދުވަހު އޮލިމްޕަސް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ ކީރިތި މަހާރަދުން، އައްސުުލްޠާން މުޙައްމަދު ފަރީދުލްއައްވަލެވެ. މިއީ ދިވެހިރާއްޖޭގެ އޭރުގެ ވަޒީރުލް އަޢުޡަމް (ބޮޑުވަޒީރު) ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. އޭރު މާލޭ ސިނަމާ ކުންފުނީގެ ޑައިރެކްޓަރަކީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ.



އޮލިމްޕަހަކީ އެއިރަށް ދިވެހިރާއްޖޭގައި އިމާރާތް ކުރެވުނު އެންމެ ވަރުގަދަ، އެންމެ ބޮޑު، އެންމެ ރީތި އިމާރާތެވެ. މި އިމާރާތް ކުރުވީ އޭރުގެ ސިލޯނުގެ އެކަމަށް ކުޅަދާނަ މޭސްތިރިންލައްވައެވެ. 21 މެއި 1959 ގައި އޮލިމްޕަސް ހުުޅުވުމުގެ ރަސްމިއްޔާތުގައި ޙާތިމް ފިލްމު ދެއްކިކަމުގައި ވިޔަސް އާއްމުނަށް އެތަން ހުޅުވާލައި ފުރަތަމަ ދެއްކި ފިލްމަކީ ހިންދީ ފިލްމް "އިންސާނިއްޔަތު" އެވެ.

އޮލިމްޕަސް ހުޅުވައިގެން ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ބެއްލެވުމުގެ ދަށުން ސިނަމާ ކުންފުނިން އެތަން ހިންގުމުގައި ހަރަކާތްތެރިވީ މުޅިންވެސް ދިވެހީންނެވެ. ސިނަމާ ކުންފުނީގެ ސެކްރެޓަރީގެ ގޮތުން އޮލިމްޕަސް ހިންގެވުމުގެ ޒިންމާ އައްބާސް އިބްރާހީމް ނެންގެވިއިރު ޓިކެޓް ވިއްކަވަން ހުންނެވީ އިލްޔާސް އިބްރާހީމެވެ. ފައިސާގެ ކަންކަން ބެލެހެއްޓެވީ މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީއެވެ. އަދި ޕްރޮޖެކްޓަރުތައް އޮޕަރޭޓްކުރައްވަން ތިއްބެވީ ސައިކުރާ އަބްދުއްރަޝީދާއި ސޭބޫ ތުއްތު މަނިކެވެ.

މާލޭ ސިނަމާ ކުންފުނިން ހިންގަމުން އައިސް 1967 ގައި އޮލިމްޕަސް ހިންގުން އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ އަމިއްލަފުޅު ކުންފުންޏަކަށް ބަދަލުކުރެއްވިއެވެ. މިއާއެކު އޮލިމްޕިއަންސް ބޭންޑް އުފެދި ދިވެހި ލަވަކިޔުންތެރިންގެ ޝޯތައް ބާއްވަން ފެށުނެވެ. 1967 އިން 1978 އާ ދެމެދު މިގޮތަށް އޮލިމްޕަސް ހިންގަމުން އައިސް ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ފެށުމުން 1978 ގައި އަލުން ސަރުކާރުގެ ބެލުމުގެ ދަށަށް އޮލިމްޕަސް ގެންނެވިއެވެ.



އޮލިމްޕަހުގެ ބެލެނިވެރިފަރާތް ތަފާތު އެކި ދުވަސްވަރު ބަދަލުވެފައިވެފައި ވާއިރު، މި ވޭތުވެދިޔަ 66 އަހަރުގެ ތެރޭގައި އޮލިމްޕަހަށް ތަފާތު އެކި ބަދަލުތައް ވަނީ އައިސްފައެވެ. 1990 ގެ އަހަރުތަކުގައި، ސަމަރުބުލޫ އިބްރާހިމް މަނިކު އޮލިމްޕަހުގެ ތަރައްގީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. 2005 ވަނަ އަހަރު ސަރުކާރުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އުފައްދަވައި އޮލިމްފަސް ހަވާލުކުރުމުން އޭރުގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޝިހާބު އިސްވެ ހުންނަވައިގެން، އޮލިމްޕަސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ނިޒާމެއް އެކުލަވާލައްވާ ގާއިމުކުރުމުގެ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި އޭގެ ފަހުން 2012 ވަނަ އަހަރު ވެސް އޮލިމްޕަސް ތަރައްގީކުރުމުގެ މުހިންމު ޕްރޮޖެކްޓެއް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔައެވެ. ނަމަވެސް އޭރު އެތަން އޮތީ އެންސީއޭގެ ދަށުން ވީއްލިފައެވެ. 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އޮލިމްޕަސް އަލުން އެންސީއޭގެ ދަށަށް ގެންނެވިއެވެ.

އޮލިމްޕަހަށް މިފަހުން ގެނެވުނު އެންމެ ބޮޑު ތަރައްގީ ގެނައީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. އާދެ، އޭރުގެ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ. މިގޮތުން ގެނެވުނު ތަރައްގީގެ ތެރޭގައި ހޯލުތެރެއަށް ފެން ފައިބާ މައްސަލަ ހައްލުކުރުމާއި، ރެނދުލައި ފަޅައިގެން ގޮސްފައިވާ ބެރިތަކާއި ތަނބުތަކާއި ފާރުތައް މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން، އޮލިމްޕަހުގެ ކެފޭގެ ސަރަހައްދު ތަރައްގީކުރުމާއި، ސިނަމާއަށް ވަންނަ މީހުން ބޭނުންކުރާ ފާޚާނާތައް ޒަމާނީ ފެންވަރަށް ހެދުން ފަދަ ކަންކަން ކުރެވުނެވެ.

އަދި ހަމައެހެންމެ، ފުރޮޅުލީގޮނޑީގައި ތިބޭ މީހުންނަށް ވަދެވޭނެހެން ރޭމްޕް ހަދައި ތަޅުން ބަދަލުކުރުމާއި، އާ ޓިކެޓް ކައުންޓަރެއް ހެދުމާއި، މިޔުޒިކް ފަރިތަކުރާ ތިން ކޮޓަރިއާއި، ނެށުން ފަރިތަކުރާ އެއް ކޮޓަރި ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން، ހޯލާއި ފަރިތަކުރާ ކޮޓަރިތަކުގެ އެކޫސްޓިކްސް ޓްރީޓްކުރުމާއި، ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، 7.1 ސަރައުންޑް ސައުންޑް ސިސްޓަމް ހަރުކުރިއެވެ.

އޮލިމްޕަހަކީ މި ވޭތުވެދިޔަ 66 އަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވައިދިނުމުގެ އެންމެ ބޮޑު އެއް ދައުރު އަދާކުރި ތަނެވެ. އަދި އޮލިމްޕަހަކީ މާލޭގެ ތާރީޚީ ލޭންޑްމާކެއްގެ ގޮތުގައި ފާހަގަކުރެވޭ ބިނާއެކެވެ. އެގޮތުން އެތަނަކީ އަންނަން އޮތް ޖީލުތަކަށް ދައްކަން ބަހައްޓަންޖެހޭ ބިނާއެކެވެ.

އެހެންނަމަވެސް މާލެ ސިޓީގައި ޒަމާނީ އަދި ފުޅާ ފެންވަރެއްގެ ސިނަމާ ކޮމްޕްލެކްސްއެއް ގާއިމުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އާބާދީ އިތުރުވެ، މުނިފޫހިފިލުވުމުގެ ވަސީލަތްތަކަށް ބޭނުންވާ މިންވަރު އަދުގެ ޙާލަތާ އެއްވަރަށް ކުރިއަރަމުން ދާއިރު، މިހާރު ހުރި ވަސީލަތްތަކަށްވުރެ ޒަމާނީ އަދި ފުޅާ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ތަނެއްގެ ބޭނުން ވަނީ ޖެހިފައެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ތަންތަން ހުންނަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން