ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގޭންގު ކުށްތަކަށް ހައްލު ނުލިބިއޮތީ ކުރީގެ ސަރުކާރުތަކުން އެކަން ކުރަން ބޭނުން ނުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގެ މާހައުލުގައި ހިނގަމުންދާ އެންމެ ނުރަނގަޅު އެއްކަމަކީ ގްރޫޕު ހަދައިގެން ހިންގާ ކުށްތައް ކަމަށާއި، މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ އެ ކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ގެނައުމަށް އެކުލަވާލި ގާނޫނެއްކަމަށެވެ.

އަދި މީގެ ކުރީގެ ސަރުކާރުތަކުންވެސް ބޭނުންވީނަމަ ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުލިބޭނެކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ، މިއަދާ ހަމައަށްވެސް އެކަން ހުއްޓުވިފައި ނުވަނީ ސަރުކާރުތަކުން އަމިއްލަ މަސްލަހަތަށްޓަކައި ގޭންގުތަަކުގެ އެދުންތަކަށް ދީލައިލާތީ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، މޫނަކަށް ކަނދުރާއަކަށް ނުބަލައި ޤާނޫނު ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ނަމެއްގައި ކުރާ ކަމެއް ނޫން. ހަގީގީ މާނައިގައި ކުރާ ކަމެއް.” ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ ކުށަށް އަރައިގަތުމަކީ އިންސާނީ ތޮބީއަތުގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ދިވެހި މުޖުތަމައުން މި ނުރަނގަޅު އާދަތައް ނައްތާލެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

“ވަކި ބަޔަކު ކުށްވެރި ކުރާކަށްނޫން. އެންމެން ކުށްރުމުން ދުރުވާން ބޭނުންވަނީ. އޭރުން ކުށްކުރާ ބަޔަކު ނުތިބޭނެ.” ރައީސް މިއަދު ވިދާޅުވިއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު މި ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަންވެސް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން