ރައީސް އޮރެންޖު ހިޔާގައި ގާއިމް ކުރެވުނު ތެލެސީމިއާ ސެންޓަރު ހުޅުއްވައިދެއްވުން
ރައީސް އޮރެންޖު ހިޔާގައި ގާއިމް ކުރެވުނު ތެލެސީމިއާ ސެންޓަރު ހުޅުއްވައިދެއްވުން
ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގައި ގާއިމް ކުރި ތެލެސީމިއާ ސެންޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.

ތެލެސީމިއާ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު އެތަންތަނުގައި ހުރި ވަސީލަތްތަކާއި، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އިންތިޒާމްތައް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

އެމްބީއެސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު "އޮރެންޖު ހިޔާ" އަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ދިވެހި ސިފައިންނެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން މި މަސައްކަތް ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާފައެވެ.

މި ސެންޓަރު ޤާއިމުކޮށްފައިވަނީ އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައެވެ. މި ސެންޓަރުގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އެޅުމަށް ދާ ބަލިމީހުންނަށް ޚާއްސަ 12 އެނދުގެ ޖެނެރަލް ވާޑެއް ގާއިމް ކޮށްފައިވެއެވެ. އަދި ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވާޑަކާއި، އަންހެނުންނަށް ޚާއްސަ 7 އެނދުގެ ވާޑެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.

މި ސެންޓަރުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.

އަލަށް ގާއިމް ކުރި މި ސެންޓަރުގެ ކޮންސަލްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 20:30 އަށް ލިބޭނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ސްކްރީނިން ހެދުމަށްފަހު ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ރޭގަނޑު 19:30 އާއި ހަމައަށް ލޭ ހަދިޔާ ކުރެވޭނެއެވެ.

މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން