ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މި މަހުގެ 27 އިން 31 އާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ވައިގަދަވެ ކަނޑު ގަދަވެދާނެކަމަށް ބެލެވޭތީ ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުންވަނީ އިލްތިމާސް ކޮށްފައެވެ.

މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށުނީ މި މަހު ހަތެއްގައެވެ. އަދި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ހުޅަނގު މޫސުން މި މަހު 12 ގައި ފެށުނު އިރު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން