ރައީސް ޑރ. މުއިއްޒު -
ރައީސް ޑރ. މުއިއްޒު -
އެނގިހުރެ އެއްވެސް މީހަކަށް ކޮރަޕްޝަން ހިންގާން ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހުޅުމާލެ ތަރައްގީގެ މާސްޓާ ޕްލޭނަށް އެޗްޑީސީން ގެނެސްފައިވާ ބަދަލުތަކާއި، އެ ކުންފުނީގެ އާ ވެބްސައިޓް ލޯންޗްކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތައް ޓްރާންސްޕޭރަންޓް ގޮތެއްގައި ހިންގައި، ކޮރަޕްޝަނުން ދުރުހެލިކުރުމަށް އެމަނިކުފާނު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ވާހަކަ ދައްކާފައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގަންނަވާހާ ހިނދަކު އެއްވެސް މީހަކަށް ކޮރަޕްޝަނުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

އަދި ހިންގުމުގެ ނިޒާމުތައް ކޮރަޕްޝަނުން ސަލާމަތްކުރެވޭ މިންވަރަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުން އިތުބާރުކޮށްގެން ހިދުމަތްކުރުމަށް ހަވާލުކޮށްފައިވާ ކަމަށާއި، ލިބޭ މުސާރައަކީ ހަލާލު ގޮތުގައި ހޯދާ އާމްދަނީއަކަށް ވާންޖެހޭ ކަމަށާއި ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުސަތު އިދާރާތަކުގައި އޮވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގެ މިހާހިސާބަށް އައިއިރު، ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެކި ފަރާތްތައް ވަނީ މަގާމުތަކުން ވަކިކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ. ހާއްސަކޮށް އެފަދަ ތުހުމަތުތަކެއް ކުރެވިފައިވާ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދާއި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރުން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން