ދިވެހި ޙައްޖުވެރިން ސަޢުދީގައި
ދިވެހި ޙައްޖުވެރިން ސަޢުދީގައި
މިއަހަރުގެ ޙައްޖު މޫސުން ވެގެންދާނީ ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި އަދި އެންމެ އިންތިޒާމް ރަނގަޅު ޙައްޖު މޫސުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ސަޢުދީން ހަމަޖައްސައި ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު މިހާތަނަށް ލިބުނު 8 ޤަައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ، ވަރަށް ބޮޑު އުފަލަކާއި، ޝަރަފެއް ކަމަށެވެ.

އަދި ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ފުރަތަމަ 235 ޙައްޖުވެރީންނަށް ސަޢޫދީ ސަރުކާރުން ވަނީ، ވަރަށް ހޫނު މަރްޙަބާއަކާ އެކު، ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

“ޙައްޖުވެރީން އެއާޕޯޓުގައި ގިނަވަގުތު މަޑު ކުރަން ނުޖެހި، ދަތުރު ފޮށި ތަންމަތި އަމިއްލައަށް އުފުލަން ނުޖެހި، ބޮޑެތި ލުއިތަކެއް ވަނީ ލިބިފައި. އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ޙައްޖު ދަތުރުވެސް ދިވެހި ޙައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ޚިދުމަތުގެ ފެންވަރުވެސް ރަނގަޅު ވާނެ. ދިވެހި ޙައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ވާނެ.” ރައީސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، އުންމީދަކީ ކުރިމަގުގައި މިއަށްވުރެވެސް ޙައްޖުވެރިންނަށް ކަންކަން ފަހިވުން ކަމަށެވެ. އަދި ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ދެއްވާފައިވާތީ ސަޢޫދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރަށްވާފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން ހުންނާނީ ނިމިފައި ކަމަށާއި އަދި ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިކަމުގެ ސަބަބުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ދިވެހި ޙައްޖުވެރިންނަށް މިއަހަރު ބޮޑެތި ލުއިތަކެއް ލިބިފައިވާއިރު، ދިވެހިރާއްޖެއިން މި އަހަރު ވެސް 1000 މީހުން ހައްޖުގެ އަޅުކަމަށް ދާނެއެވެ. އޭގެ ތެރެއިން ފުރަތަމަ ގުރޫޕް އިއްޔެ ވަނީ ފުރާފަ އެވެ. އެއީ 235 މީހުންނެވެ. ދެވަނަ ގުރޫޕް މިއަދު ފުރާފައި ވާއިރު، ތިންވަނަ ގުރޫޕް މި މަހުގެ 29 ވަނަ ދުވަހު އަދި ފަހު ގުރޫޕް 30 ވަނަ ދުވަހު ސަޢުދީއަށް ފުރާނެއެވެ.

މި އަހަރު ދިވެހި ހައްޖާޖީން ދަތުރުކުރާނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސައުދީގެ ގައުމީ އެއާލައިން ސައުދިޔާ ގައެވެ.



ކިޔުންތެރިންގެ ހިޔާލު