ފުލުހުން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ފުލުހުން މީގެކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވި މީހަކު އުމުރަށް ޖަލަށްލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

ސ. ހިތަދޫ، އަލީ އަކްބަރު ހަސަންގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ އާއި، ކެނަބިސް ބޭނުންކުރުމުގެ ދައުވާ އާއި، ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި އުފުލިއެވެ.

އޭނާގެ މައްޗަށް މި ދަޢުވާތައް ކޮށްފައިވަނީ ޑީއެޗްއެލް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕާރްސަލެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ވެގެން ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި، ޑީއެޗްއެލްގެ ޔުނިފޯމު އަޅައިގެން ތިބި ފުލުހުންގެ އަތުން އެ ޕާރުސަލާ ހަވާލުވުމުންނެވެ.

އަދި އޭނާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިމައްސަލައިގެ އަޑުއެހުންތަކުގައި އަލީ އަކްބަރު ބުނެފައިވަނީ އެ ޕާރްސަލަކީ އެހެން މީހެއްގެ އެއްޗަކަށް ވެސް ވެދާނެ ކަމަށާއި އޭނާއާ ހިސާބުން އަދި ކޮންޓްރޯލްޑް ޑެލިވަރީ ނިމުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޕާރްސަލަކީ އެހެން މީހަކު ބުނެގެން ހަވާލުވި އެއްޗެއް ކަމަކަށް ބުނެފައެއް ނުވެއެވެ.

އަލީ އަކްބަރުގެ މައްޗަށް ދަޢުލަތުން ކުރި ދައުވާތަކުގެ ތެރެއިން ކެނަބިސް ބޭނުންކުރުމުގެ ދައުވާއަށް އަލީ އަކްބަރު ދަށުކޯޓުގައި އިއުތިރާފުވިއެވެ. ނަމަވެސް އަނެއް ދެ ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށް ދަށުކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އިއްވެވި ރަޢުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ތާޢީދުކޮށް މިދިޔަ މޭ މަހުގެ 26 ގައި ޙުކުމް ކޮށްފައިވަނީ، ޝަހުސު އޮޅުވާލުމުގެ ކުށަށް އަލީ އަކްބަރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށަށް އުމުރަށް ޖަލަށް ހުކުމްކުރުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި މި ފައިސާ 12 މަސް ދުވަހުގެ ތެރޭހައި މީރާ އަށް ދެއްކުމަށް އަމުރު ކޮށްފައިވެއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އަލީ އަކްބަރު ޑީއެޗްއެލް މެދުވެރިކޮށް ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން 2021 މާޗް 4 ގައި ގެނައި ޕާރްސަލެއް ކަސްޓަމްސުން އެކްސްރޭ ކުރިއިރު އޭގައި އެއްޗެއް ފޮރުވާފައި އޮތުމުން އިތުރަށް ބެލިއިރު ކެމްބްރިޖްގެ ބަޔޮލޮޖިކަލް ސައިންސް ފޮތެއްގެ އެތެރެއިން ބައެއް ކަނޑައި އެބައިގެ ތެރޭގައި އެއްޗެއް ފޮރުވާފައި ހުއްޓެވެ.

އެހެންކަމުން ކަސްޓަމްސުން ޕާރްސަލް ފުލުހުންނާ ހަވާލުކުރުމުން ފުލުހުން ޑީއެޗްއެލްގެ ވެހިކަލްގައި ޑީއެޗްއެލްގެ މުވައްޒަފުން ކަމަށް ހެދިގެން ޕާރްސަލްގައި ޖަހާފައި އޮތް އެޑްރެހަށް ދިއުމުން އެޕާރްސަލާ ހަވާލުވާން އަލީ އަކްބަރު އައިސްފައިވެއެވެ. އަދި އޭނާގެ އައިޑީކާޑުގެ ފޮޓޯއެއް ފޯނުން ދެއްކުމަށްފަހު ޕާރްސަލާ ހަވާލުވި ކަމަށް ސޮއިކޮށް އެ ހިފައިގެން ހިނގައިގަތެވެ.

ނަމަވެސް ޑީއެޗްއެލް ޔުނިފޯމުގައި ތިބި މީހުން ފުލުހުންގެ ކާޑު ދައްކައި އަލީ އަކްބަރު ހުއްޓުވުމާއެކު، ކައިރީގައި ހުރި ފިހާރައެއްގެ ގާގަނޑުމަތީ ޕާރްސަލް ބަހައްޓައި އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ އެއާ ހަވާލުވާން އިންކާރު ކުރިއެވެ. އެހެންކަމުން ފުލުހުން އަލީ އަކްބަރުގެ ހާޒިރުގައި ޕާރްސަލް ހުޅުވައި އޭގައި އޮތް ފޮތުގެ ތެރޭ ފޮރުވާފައި ހުރި އެއްޗެހި ނަގައިގެން ބެލި އިރު ކާބަން ޕޭޕަރެއްގެ ތެރޭގައި ފޮރުވާފައި އޮތް ރަބަރުގަނޑަކުން 198.2 ގްރާމް މެޓަމްފެޓަމިން ފެނިފައިވެއެވެ.

މި މައްސަލާގައި ދަޢުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި، ޢަލީ އަކްބަރު ޝަޚްސު އޮޅުވާލައިގެން ހަލީމަތު އުލްފާގެ ނަމުގައި ޑީއެޗްއެލްގެ މުވައްޒަފަކަށް ކޮށްފައިވާ ޗެޓްގެ ލޮގްތަކެއް ހިމެނެއެވެ. ޑީއެޗްއެލްގެ ބިދޭސީ މުވައްޒަފަކަށް އަލީ އަކްބަރު ފޮނުވި މެސެޖްތަކުގައި އެ ޕާރްސަލް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފިނަމަ 15،000 ރުފިޔާ ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި ޑީއެޗްއެލް މެދުވެރިކޮށް ގެނައި އެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން