އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު (މ)
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު (މ)
ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ފެށި މަސައްކަތް ހުއްޓާލި ސަބަބު ސާފުކޮށްދިނުމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ސަރުކާރަށް ގޮވާލައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލައްވާފައިވާއިރު، މިދިޔަ ބުދަ ދުވަހު ބޭއްވި މޯލްޑިވްސް- ޔޫކޭ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ޞާލިޙްގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަމުގެ މަޤާމުވެސް އަދާކުރެއްވި ޝާހިދު ވިދާޅުވީ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއިއެކު ކުރީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

“ރައީސް އިބްރާހިމް މުހަންމަދު ސާލިޙްގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމީ ކަންބޮޑުވާކަމެކެވެ.” ޝާހިދު ވިދާޅުވެފައިވެއެވެ.



ހަމައެއާއެކު ޝާހިދު ވިދާޅުވީ، ރައީސް ސާލިޙްގެ ސަރުކާރުން ކުރި މަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށްނަގަމުން އައި ޑިއުޓީ 24 އިންސައްތައިން 20 އިންސައްތައަށް 2020 ގައި ތިރިކޮށްފައިވާ ކަމަށެވެ.

“އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ޤައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިފައިވާއިރު، މިފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަމެވެ.” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން މިއަދު ބުނެފައިވަނީ، އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ 0 ޕަސެންޓަށް ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިން އަތުން ގަންނަ މަހުގެ އަގު މަތިވެގެންދާނެ ކަމަށެވެ.

އަދި އެމްޑީޕީގެ 5 އަހަރުގެ ދައުރު ނިމުނުއިރު އެފްޓީއޭގެ މަސައްކަތް ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރު އެއްބަސްވުން ތަންފީޒު ކުރުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން