ފުލުހުން
ފުލުހުން
ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވާ މައްސަލަ ބެލުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފިއެވެ.

މި މައްސަލައިގެ ހާއްސަ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު ރައީސް ޑރ. މުޢިއްޒުވަނީ މާލޭ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބެލުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

“މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން.” ރައީސް ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައި ކަމަށެވެ.



ފުލުހުން މިހެން ބުނެފައިވާއިރު ސްޓެލްކޯއިން ބުނެފައިވަނީ، މިހާރު މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފައިވާ ކަމަށެވެ.

“މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން.” ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

މާލޭން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާއިރު، ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙްމަދު މުޙައްމަދު މިއަދު މީޑިއާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ “ޓޯޓަލް ބްލެކްއައުޓެއް”ގައި ކަމަށްވެސް އަޙްމަދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން