ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ސަރުކާރުން ނުކުމެ ވިޔަފާރިވެރިންނާއި 'ޖައްސާލުމަކީ' އިގުތިސާދަށް މި ސަރުކާރުން ގަސްތުގައި ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސިފަކުރައްވައިފިއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު ނުކުމެވަޑައިގެން ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއަދު ރާއްޖޭގެ އިގުތިސާދީ އަދި މާލީ ސިޔާސަތު ވަނީ ފެއިލްވެ، ފާލުން ނެއްޓިފައި ކަމަށް އަމީރު ވަނީ ސިފަކުރައްވާފައެވެ.

އަމީރު ވިދާޅުވީ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތުމުން، ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް ކަމަށެވެ.

އަދި ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައި، ވިޔަފާރިތައް ބަނގުރޫޓު ކޮށްލާފައިވާ ކަމަށާއި، ލޯނު ލިބުން ދަތިވެފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުންދާ ކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ޢަމަލުތަކުން އެނގިގެންދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއްވެސް ނެތްކަން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވިގޮތުގައި ފާއިތުވި އަހަރުގެ އުފެއްދުންތެރިކަމުގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުން އުފެއްދުންތެރިކަމަށް 'ކޮންޓްރިބިއުޓް' ކޮށްފައި ހުރީ 8.6 އިންސައްތަ ކަމަށެވެ. އެއީ ޖުމްލަ 101 ބިލިއަން ރުފިޔާގެ ތެރެއިން 8.8 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ގައުމީ އުފެއްދުންތެރިކަމުގެ 91.4 އިންސައްތަ 'ވެލިއު އެޑް' ކުރަނީ ސީދާ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުންކަމަށް އޭނާ ފާހަަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން ކަމަށެވެ.

އަދި ސަރުކާރުން ކުރަމުންދާ އިސްރާފަށް ޖާގަދީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމެއްނެތި ސިޔާސީ މުވައްޒަފުން ހައްދެއް ނެތި އިތުރުކުރަމުންދާ ކަމަށް ވިދާޅުވެ އަމީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



މި ސަރުކާރުން މެދު އަދި ކުދިފަންތީގެ ވިޔަފާރިތަކަށް އަޅާލުން ނުބަހައްޓާކަމަށް ބުނެ އިދިކޮޅުން ވަނީ އެކިފަހަރުމަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޕްރައިވެޓް ކުންފުނިތަކަށް މަޝްރޫއުތައް ނުދީ، ހަމައެކަނި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދެމުންދާތީވެސް އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިކަންކަމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމްޑީޕީއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން