މާލީ އިދާރާތަކަށް ލައިސަންސް ދެނީ ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށްފަހުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ އިދާރާއިން މިހެން ބުނެފައިވަނީ، ބޭންކިންގ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން ޢާންމުންނަށް އޮޅޭގޮތަށް އަދި އެ އޮތޯރިޓީން ހިންގާ ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ޚަބަރު މީޑިއާގައި ފަތުރަމުންދާތީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އެމްއެމްއޭގެ ބަޔާނުގައި ބުނީ، ޤާނޫނު ނަންބަރު: 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު)ގެ ދަށުން އެ އޮތޯރިޓީން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ 3 މަރުޙަލާއަކަށް ކަމަށެވެ. އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާއާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އަދި ލައިސަންސް ދިނުމުގެ މަރުޙަލާއެވެ.

އެގޮތުން، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެ އޮތޯރިޓީން ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންއަށްކަމަށް ވަނީ ބުނެފައެވެ.

މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، އެ އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުން ކަމަށާއި މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ އެ އޮތޯރިޓީގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ" އަށްކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންކަމަށް ވެސް ވަނީ ބުނެފައެވެ.

އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއް ކަމަށާއި އެގޮތަށް ދެވޭ މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން މިފަހުން ބެންކިންގެ ހިދުމަތް ދިނުމަށް ހުއްދަދިން ކުންފުނިތަކަކީ ވެސް އެގޮތުގެ މަތިން އިޖުރާއަތްތަކާ އެކު ހުއްދަ ދެވިފައިވާ ކުންފުނިތަކެއްކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

"މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ މި އޮތޯރިޓީން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަންކަމެވެ. މިގޮތުން، ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި މި އޮތޯރިޓީން ޔަޤީންކަންއަރުވަމެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭ އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ބީއައިސީ ބޭންކް މޯލްޑިވްސް އަށް ހުއްދަ ނުދޭން ކުރިން ނިންމި ނިންމުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެ ބޭންކުން ފުރިހަމަ ކުރުމުން އަލުން ހުއްދަ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން