ޖާހު ގެ ދަ ގާޑަންސް
ޖާހު ގެ ދަ ގާޑަންސް
އެޗްޑީސީން، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ “ދަ ގާޑެންސް” ހައުސިންގ ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އާރުސީސީއާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި “ދަ ގާޑަންސް” ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް މިއަދާ ހަމައަށްވެސް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެ ޕްރޮޖެކްޓް ނިންމާލެވިފައެއް ނުވެއެވެ.

އެހެންކަމުން އެޗްޑީސީން ވަނީ ޖާހު އިންވެސްޓްމަންޓާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ޕްރޮޖެކްޓް ހިންގަމުންދާ ބިމާއި ޙަވާލުވެފައެވެ. މި ތަން އަތުލަން އެޗްޑީސީން ގާނޫނީ ނޯޓިސް ފޮނުވީ މިއަހަރުގެ ޖެނުއަރީ 27 ގައެވެ. އަދި ނޯޓިސްގައި ވާގޮތަށް 45 ދުވަހުގެ ތެރޭގައި މަސައްކަތް ނުނިންމުމުން އެއްބަސްވުން ބާތިލުކުރީ މާޗު 16ގައެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު އެ ޕްރޮޖެކްޓްގެ މަސައްކަތް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް 20 މިލިއަން ރުފިޔާއަށް އާރުސީސީއާ ވަނީ ޙަވާލު ކޮށްފައެވެ.

އެޗްޑީސީން ޖާހު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅިގެން ޖާހުގެ ފަރާތުން ސިވިލްކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށައަޅާފައިވެއެވެ. އެގޮތުން އެ މައްސަލާގައި އެކުންފުނިން ބުނީ އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގޯސްކޮށް ކަމަށްވާތީ، ޕްރޮޖެކްޓް އަތުލުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް މި މައްސަލާގައި ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ކުރި ހުކުމްގައި ބުނީ ޖާހުގެ ފަރާތުން ހޯދަން އެދިފައިވާ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށެވެ. އޭގެއިތުރުން ދާދި ފަހުން ސިވިލް ކޯޓުން ވަނީ ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ރާއްޖެ ބޭންކުތަކަށް ވެސް އަންގާފައެވެ.

ޖާހުން ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ “ދަ ގާޑެންސް” ޕްރޮޖެކްޓްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން