ލޮލުގެ މައްސަލައެއް އުޅޭތޯ ބަލަނީ، ފޮޓޯ: މެޑިކާ ހޮސްޕިޓަލް
ލޮލުގެ މައްސަލައެއް އުޅޭތޯ ބަލަނީ، ފޮޓޯ: މެޑިކާ ހޮސްޕިޓަލް
ދިވެހިރާއްޖޭގައި އައިނު ބޭނުންކުރަންޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިން ހިމެނޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންވެސް މިހާރު ނަމްބަރު އައިނު ބޭނުންކުރެއެވެ. ނަމަވެސް އައިނު ހެދުމަށް ހޭދަވާ ޚަރަދު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް މިކަން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މިސާލަކަށް، ފެންވަރު ރަނގަޅު އައިނެއް ހެދުމަށް 3000 ރުފިޔާއިން ފެށިގެން 10000 ރުފިޔާއާ ހަމައަށް ޚަރަދުވާއިރު، ގިނަ މީހުންގެ މަހު މުސާރައިން ޒަރޫރީ ބޭނުންތައް ފުއްދާލާއިރު، މިކަން ކުރާނެ ލާރިއެއް ނުހުރެއެވެ.

ނަމްބަރު އައިނުގެ ލެންސުތައް ރާއްޖޭގެ ބާޒާރުގައި އުޅެނީ ވަރަށް އަގޮބޮޑުކޮށެވެ. އާންމު ގޮތެއްގައި މިހާރު ލެންސުގެ އަގުތައް 2000 ރުފިޔާއާއި 6000 ރުފިޔާއާ ދެމެދުގެ އަގެއްގައު އުޅޭއިރު، ނަމްބަރު މާބޮޑަށް މަތިވާނަމަ އެއަށް ހޭދަކުރަންޖެހޭ ވަރުވެސް ބޮޑުވެއެވެ. އަދި މީގެ އިތުރުން ފެންވަރު ރަނގަޅު ފްރޭމެއްގައި އައިނު ހަދާނަމަ، އެ އަގު އިތުރަށް ބޮޑުވެގެން ދެއެވެ. ކޮލިޓީ ރަނގަޅު ފްރޭމުގެ އަގު ބާޒާރުގައި އުޅެނީ 2000 ރުފިޔާއިން މަތީގައެވެ. ނަމްބަެު އައިނަކީ ދިގު މުދަތަކަށް ބޭނުންކުރާ އެއްޗަކަށްވުމާއެކު، އެންމެންވެސް ފެންވަރު ރަނގަޅު ގޮތަކަށް އެ ހަދަން ބޭނުންވެއެވެ.

‎ދާދި ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައިނު ހެދުމަށް އާސަންދައިގެ ދަށުން ދެމުން އައި 1000 ރުފިޔާގެ ހެލްތު ކަވަރޭޖު 2000 ރުފިޔާއަށް މަތިކުރުމަށް ނިންމަވާފައެވެ. މީގެ އިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލް އިން އައިނު ވިޔަފާރި ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ނިންމުމަކީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެޅުނު ފިޔަވަޅެއްކަމުގައި ވީނަމަވެސް، މި ނިންމުމާ ގުޅިގެން ރާއްޖޭގެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

‎މި ކަންބޮޑުވުންތަކުގެ ތެރޭގައި، އާސަންދަ ލިބެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ކަމަށްވާއިރު، ލޮލުގެ ނަންބަރުގެ ގޮތުން ވަރަށް އަވަސް އަވަހަށް އައިނު ހައްދަން ޖެހޭ މީހުން ތިބިކަން ފާހަގަކޮށްފައި ވެއެވެ. މިސާލަކަށް، ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު އައިނު ބަދަލުކުރަން ޖެހޭ މީހުންވެސް އެބަ ތިއްބެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ދެ އަހަރުން 1 އަހަރު ލިބޭ އެއްޗެއް އާސަންދައަކީ، ކޮންމެ އަހަރަކު ނުވަތަ ކޮންމެ 6 މަހުން ނަމްބަރު ބަދަލު ކުރަން ޖެހޭ މީހުންނަށް ތީގެން ވާނެ މާ ބޮޑު ފައިދާއެއް ނެތް" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން އެކަކު ބުނެފައި ވެއެވެ. މިއީ ހަމަ ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. މިކަމާ ގުޅޭ ޕޯސްޓުތަކުގެ ކޮމެންޓު ބަރި ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.

‎އަދި އާސަންދައިން ކަނޑާ މިންވަރު މަތިކުރިނަމަވެސް، އެ ބައި ފޫބައްދަން ވިޔަފާރިވެރިން އައިނާއި ލެންސުގެ އަގުތައް ބޮޑުކުރާނެކަމުގެ ބިރު އޮތް ކަންވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މިކަމުގެ ސަބަބުން އާސަންދަ އިތުރުކުރި ނަމަވެސް، ރައްޔިތުންނަށް ލުޔެއް ނުލިބި، އަދިވެސް ބޮޑު ޚަރަދެއް ކުރަންޖެހިދާނެކަމުގެ ކަންބޮޑުވުން މިވަނީ އިތުރުވެފައެވެ. މިސާލަކަށް، މިހާރު 3000 ރުފިޔާއަށް ލިބޭ އައިނެއް 4000 ރުފިޔާއަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ވަރަށް ގިނަ މީހުން ފާހަގަކޮށްފައި ވެއެވެ.

‎މި މައްސަލައަށް ހައްލެއް ހޯއްދަވައިދޭނަމަ، އާސަންދަ ދޫކުރާ ވަރު އިތުރުކުރުމުގެ އިތުރުން، އާސަންދަ ލިބޭ މުއްދަތު ކުރުކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ. މިސާލަކަށް، ކޮންމެ އަހަރަކު އެއްފަހަރު އައިނު ހެއްދުމަށް އާސަންދަ ދިނުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ވަކި އުމުރުފުރައެއްގެ ކުދިންނަށް އަހަރަކު ދެފަހަރު އާސަންދަ ދިނުމަކީވެސް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ހިޔާލެކެވެ. އަދި މީގެ އިތުރުން، އައިނު ވިއްކާ ފިހާރަތަކާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އައިސް، އާސަންދައިން ކަނޑާ މިންވަރު މަތިކުރާއިރު، އައިނުގެ އަގު ބޮޑުނުކުރުމަށް އެއްބަސްވުމަކީވެސް މުހިންމު ކަމެއްކަމަށް ބައެއް މީހުން ހިޔާލު ދީފައި ވެއެވެ.

‎އަދި ހަމައެއާއެކު، ލޮލުގެ ސިއްހަތާ ގުޅޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން، ސްކޫލްތަކުގައި ދަރިވަރުންނަށް ލޮލުގެ ސިއްހަތު ރައްކާތެރިކުރުމާ ގުޅޭ މަޢުލޫމާތު ދިނުމާއި، އާންމުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ލޮލުގެ ސިއްހަތާމެދު މީހުން ފަރުވާ ބަހައްޓާވަރު އިތުރުވެގެން ދާނެއެވެ.

‎އައިނު ހެއްދުމަށް އާސަންދައިން ދޭވަރު މަތިކުރުމަކީ މި މައްސަލައަށް ހައްލެއް ހޯދުމަށް އެޅިގެން ދިޔަ ފުރަތަމަ ފިޔަވަޅެވެ. ސަރުކާރުން މި ވިޔަފާރިއަށް ވަނުމަކީވެސް ހަމަ މި މައްސަލައަށް ހައްލެއް ހޯދުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. އަދި އައިޖީއެމްއެޗް އިން އައިނު ހެދުމުގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު، ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށްވެސް އަގުތައް ކުޑަކުރަން މަޖުބޫރުވެގެން ދާނެއެވެ.

އައިނު ހެދުމަށް ދާ ޚަރަދު ކުޑަކޮށް މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރާއި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަށީގެންވާ ހައްލެއް ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެކެވެ. މިކަމަށް ހައްލެއް ހޯދުމަކީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށާއި، އިޖްތިމާޢީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން