ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން --
ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން --
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު ފެނަކައިން އެއްބަސްވުމެއްގައި ސޮއިކުރަން ދެކޮޅު ހެދި މައްސަލައެއްގައި އެ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދާން ނިންމައިފިއެވެ.

މިކަން ހާމަކުރުމަށް އެ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭން ޖެހޭއިރު އެކަން ކުރަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށްގެން ކަމަށްވާނަމަ އެ ފަރާތަކާ އެކު އެއްބަސްވުމެއް ހެދިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމަށެވެ.

އެގޮތުން އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކަށަވަރު ކޮށްދިނުމަށް އެ ސިޓީގައި މިހާރު ކަރަންޓުގެ ހިދުމަތް ދޭ ފެނަކައާ އެކު އެއްބަސްވުމެއް އެކުލަވާލާ ސޮއި ކުރުމަށް ސިޓީ ކައުންސިލުން އޮތީ ލިޔުމުން ފެނަކައިގައި އެދިފައެވެ.

ނަމަވެސް ބަޔާނުގައި ބުނީ، ފެނަކައިން ޖަވާބުގައި ބުނެފައިވަނީ، ފެނަކަ އަކީ ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާއިރު އެއީ ތިންވަނަ ފަރާތެއްގެ ގޮތުގައި ނުބެލޭނެކަމަށް ކަމަށެވެ.

އޭގެ ޖަވާބުގައި ސިޓީ ކައުންސިލުން ވަނީ، ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާ އެކު އެއްބަސްވުން ހެދިފައި ނުވުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް އިތުރު ސިޓީއެއް ފޮނުވާފައެވެ.

އެކަމަކު އެ ސިޓީއަށް މިއަދާ ހަމައަށްވެސް ފެނަކައިން ޖަވާބެއް ދީފައި ނުވާކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެހެންވެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި މިހާރުވަނީ ގާނޫނުގައި ބުނާ އެ ކަންތައް ފުރިހަމަ ކުރުމަށް ފެނަކައިން ދެކޮޅު ހަދާތީ އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅުމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނަކަ ފަދަ ކުންފުނިތަކުން ކަރަންޓުގެ ހިދުމަތް ދިން ނަމަވެސް ކައުންސިލްތަކާ އެކު އެއްބަސްވުމެއް ހަދާފައެއް ނޯވެއެވެ. އެހެންކަމުން ކަރަންޓުގެ ހިދުމަތުގެ ކަންކަން މޮނިޓަރ ކުރުމުގައި ކައުންސިލަށް ދަތިތަކެއް ހުންނަކަން ކައުންސިލްތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން