ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު
ސްރީލަންކާއިން ދިވެހީންނަށް ރިޓަޔަމެންޓު ވިސާ ތަޢާރަފުކުރުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ސަފީރު ވިދާޅުވީ ރިޓަޔާވުމަށްފަހު ތަނަވަސް މާހައުލެއްގައި ދިރިއުޅެލަން ގިނަ ދިވެހިން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދެގައުމުގެ ދެމެދުގައި ރިޓަޔަމެންޓު ވިސާއެއް ތަޢާރަފު ކުރުމާމެދު ވިސްނަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރާ މަޝްވަރާކުރުމަށްފަހު، މިހާރު އެކަމަށް ބޭނުންވާ ޑޮކިއުމެންޓު ތައްޔާރު ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެ ޑޮކިއުމެންޓު ހުށަހެޅުމުން ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސް، ދިވެހީންނަށް ލަންކާއިން ރިޓަޔަމެންޓު ވިސާއެއް ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވި ގޮތުގައި މިފަދަ ވިސާއެއްގެ ބޭނުމަކީ ކޮންމެ އަހަރަކު އެއް ފަހަރު ވިސާ ނަގަން ޖެހުން ފަދަ ދަތިތަކުން ރައްޔިތުން ދުރުކޮށް، ތަންކޮޅެއް ހަަމަޖެހިލައިގެން ރިޓަޔަމެންޓު ދުވަސްތައް ލަންކާގައި ހޭދަކުރެވޭނެ ގޮތް އިންތިޒާމު ކުރުމެވެ.

"އެއީ ދެން އަހަރުން އަހަރަށް ނަހަދާ މިސާލަކަށް ތިން އަހަރުން ނަމަވެސް، ފަސް އަހަރުން ނަމަވެސް ވިސާ ނަގައިގެން ދިވެހިންނަށް ތަންކޮޅެއް ހިތްހަމަޖެހިގެން މިތާ އުޅެވޭނެކަހަލަ ގޮތަކަށް ނިންމުން." ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ސްރީލަންކާ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް ކަމަށާއި، އެހެންކަމުން މިގުޅުމާމެދު ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ދެކެމުން އަންނަ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިއީ އެއް ބައެއްގެ ގޮތުގައި ދެކެމުން އައި އައުން އެގޮތުގައި އޮންނަންޖެހޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން