މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އ.ދ ގެ އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގެ ހަވާސާގައި އެންވަޔަރަމަންޓަލް ޖަސްޓިސް ފައުންޑޭޝަން (އީޖޭއެފް) އިން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ތަސައްވުރާ އެއްގޮތަށް، މި އަހަރު ނިމޭއިރު މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ފުރިހަމައަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މަސްވެރިކަމުގެ ވެލިއު ޗެއިން ޑިޖިޓަލައިޒް ކުރުމުން ލިބޭ ޑޭޓާއަކީ މުހިންމު އަދި ވަރުގަދަ ވަސީލަތެއް ކަމަށާއި، ގާނޫނުތައް ތަންފީޒު ކުރުމަށާއި ހުރިހާ ސްޓޭކްހޯލްޑަރުންގެ މެދުގައި އިތުބާރު އުފެއްދުމަށް ވެސް އެ ޑޭޓާއަކީ މުހިންމު ދައުރެއް އަދާކުރާނެ މަޢުލޫމާތެއް ކަމަށެވެ.

ހަމައެއާއެކު މި މަސައްކަތުގެ ތެރެއިން އުޅަނދު ފަހަރުގެ މިލްކުވެރިކަމުގެ މައުލޫމާތު ފުރިހަމައަށް ބެލެހެއްޓޭނެ ގޮތް ހެދުމާއި، ހާމަކަން ބޮޑު ގޮތެއްގައި އުޅަނދުގެ ވެރިފަރާތުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުން ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު ވަނީ، ބައިނަލްއަގްވާމީ ގޮތުން ކާމިޔާބުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ބޮޑެތި ގައުމުތަކުގެ ތާއީދު ލިބިގެން ކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ މަސްވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ މި ބައްދަލުވުމުގައި އެ އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން