އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވާފައިވާ ބައެއް
އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވާފައިވާ ބައެއް
ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ ދެ މީހަކު ޓެގް އަޅުވައި ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތަކުން ހާމަވެއްޖެއެވެ.

ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރަމުންދާއިރު، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމަށްފަހު، ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދާނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަމަށެވެ.

އެގޮތުން މިހާތަނަށް ފަސް މީހަކު ޓެގު އަޅުވާފައި ދޫކޮށްލާފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލީ މިދިޔަ އޭޕްރީލް މަހުގެ 28 ގައެވެ. ތިން ވަނަ މީހާ މިމަހު އެކެއްގައި ދޫކޮށްލާފައިވާއިރު، މިމަހުގެ 3 ވަނަ ދުވަހު އިތުރު ދެ މީހުން ވަނީ ޓެގު އަޅުވައި ދޫކޮށްލައިފައެވެ.

ކްރިމިނަލް ކޯޓުން ޓެގް އެޅުވުމަށްފަހު އެންމެ ފަހުން ބަންދުން ދޫކޮށްލާފައިވަނީ، ށ. ނޫމަރާ، ހަވީރީގެ އަބްދުﷲ ފަޞީޙާއި، ސ. ހިތަދޫ، ހަދުވަރުމަތީގެ ޙުސައިން އަބްދުލް މަޖީދެވެ. މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި ދެމީހުންނެވެ. އަދި އޭގެކުރިން ޓެގް އެޅުވުމަށްފަހު ދޫކޮށްލި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތު އޮތް މީހުންނެވެ. ޓެގް އެޅުވުމަށްފަހު އެމީހުން ދޫކޮށްލީ 100 ދުވަހުގެ މުއްދަތަށެވެ.

ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ ދެ މީހަކު ޓެގް އަޅުވައި ދޫކޮށްލާފައިވާއިރު ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ، ޓެގް އަޅުވައި ބަންދަށް ލުއިދެވޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުޑަ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ.

“ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.” ޕީޖީން ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން