ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓޭ މަންޒަރު ފެންނަ އިތުރު ވީޑިއޯ އެއް އާންމުވެއްޖެއެވެ.

އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓް ވެއްޓުނީ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. މަތިންދާ ބޯޓު ވެއްޓޭ މަންޒަރު ފެންނަނީ އެއާޕޯޓުގައި ހުރި ސީސީޓީވީ ފުޓޭޖަކުންނެވެ. އެގޮތުން ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓު ރަންވޭއިން ފުރިތާ މިނިޓެއްވެސް ނުވަނީސް އެއާޕޯޓާއި މާދުރު ނޫން ހިސާބަކަށް ވެއްޓޭ މަންޒަރު ފެނެއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި މަތިންދާ ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މޭގާނީ ސަރަހައްދަށެވެ. ބޯޓުން އެރި ދުންގަނޑާއެކު އެހައި އަވަހަށް ރޯވެ މުޅި ބޯޓުގައި ހުޅުހިފައި ވެއްޓުނު ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުން ނަމަ ބޯޓު ވެއްޓުނީ ފުރައިގެން 600 ފޫޓަށްވެސް ނޭރެނީސް ކަމަށް އޭވިއޭޝަން ތަޖުރިބާކާރުން ބުނެއެވެ.



އެއާ އިންޑިއާއިން ބުނީ ޖުމުލަ 242 މީހުންނާއެކު އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު 07 މީހަކާއި، ކެނެޑާގެ ރައްޔިތެއް ކަމަށެވެ. މަތިންދާބޯޓު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މިހާތަނަށް 240 ފަސިންޖަރުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާ އިން ސަލާމަތްވީ ބްރިޓިޝް ރައްޔިތެކެވެ. އޭނާ ސަލާމަތްވީ ބޯޓްގައި އަލިފާން ރޯވެ ފެތުރުމުގެ ކުރިން އިމަޖެންސީ ދޮރުން ފުންމާލުމުންނެވެ. އެމީހާ އަށް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެެވެ. މީގެއިތުރުން ބޯޓުން ދަތުރުކުރި އިންޑިއާގެ ރައްޔިތަކުވެސް ސަލާމަތްވި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މިހިތާމަވެރި ހާދިސާގައި ބޯޓު ވެއްޓުނު މެޑިކަލް ކޮލެޖުގައި ކިޔަވާ 75 ދަރިވަރުން މަރުވެފައިވެއެވެ.

ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ އޭއައި 171 ފްލައިޓް ވެއްޓުމުގެ ކުރިން ޕައިލެޓް އިމަޖެންސީ ކޯލެއް ވަނީ ދީފައެވެ. ޑީޖީސީއޭ އިން އެހެން ބުނި ނަމަވެސް އެއާޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އިން މިކަމާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ޑީޖީސީއޭ އިން ވަނީ ބުނެފައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަނާއި ބޯއިންގް ކުންފުނީގެ ޓެކްނީޝަނުން ގުޅިގެން އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން