ވެއްޓުނު އެއާ އިންޑިއާ ފްލައިޓު
ވެއްޓުނު އެއާ އިންޑިއާ ފްލައިޓު
ވެއްޓުނު އެއަރ އިންޑިއާގެ ބޯޓުން ސަލާމަތްވި ހަމައެކަނި މީހާއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވައިފިއެވެ. އެމީހަކީ އިންޑިޔާ ނަސްލުގެ އިނގިރޭސި ރައްޔިތެއް ކަމުގައިވާ ވިޝްވަޝްކުމާރު ރަމޭޝެވެ.

އެއާރ އިންޑިއާ ބޮއިންގ 787-8 ޑްރީމްލައިނަރ ވެއްޓުނީ ބޯޓު ނައްޓާލިތާ ގާތްގަޑަކަށް ނުވަ ވަރަކަށް މިނެޓު ތެރޭގައެވެ. އޭރު ބޯޓު ވަނީ 625 މައްޗަށް އުދުހިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަހުމަދުއާބާދުގެ އެއާޕޯޓު ކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތަކަށް ބޯޓު ވެއްޓުނުއިރު، 242 މީހުން ބޯޓުގައި ތިއްބެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަތިންދާބޯޓުގައި ތިބި މީހުންނާއި، ބޯޓު ވެއްޓުނު ސަރަަހައްދުގައި ތިބި ބައެއް މީހުންވެސް ހިމެނެއެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯހުގެ އޮފިޝަލެއް ބުނި ގޮތުގައި މިހާތަނަށް 81 ހަށިގަނޑު ވަނީ ފެނިފައެވެ. އަދި މަތިންދާބޯޓުގެ ކަޅު ފޮށީގެ ތެރެއިން އެއް ފޮށި ވެސް ވަނީ ފެނިފައެވެ. މިހާރު މަސައްކަތް ކުރަމުންދަނީ އަނެއް ފޮށި ހޯދުމަށާއި، މަތިންދާބޯޓުގެ އެހެނިހެން ބައިތައް ހޯދުމަށެވެ.

ހާދިސާގައި ހަރަކާތްތެރިވި ރެސްކިއު އޮފިސަރުންނާއި، ސަލާމަތްވި މީހާއާ މިއަދު ބޮޑުވަޒީރު ނަރެންދަރުމޯދީ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާަޅުވީ މި ހާދިސާގެ ހިތާމަވެރިކަން ވަރަށް ބޮޑު ކަމަށެވެ.

މި ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ވިޝްވަޝްކުމާރު ރަމޭޝް، އިންޑިއާގެ ނޭޝަނަލް ބްރޯޑްކާސްޓަރަށް އިންޓަވިއު ދެމުން ބުނީ މަތިންދާބޯޓު ވައިގެތެރެއަށް އެރުމަށްފަހު ވަގުތުން ހުއްޓުމެއް އައިސް، ލައިޓްތައް ދިއްލި، އޭގެ ފަހުން މަތިންދާބޯޓު އަވަސްވެގެން ދިޔަ ނަމަވެސް، އުދުހޭ ވަރުގެ އުސްމިނަކަށް ނުދެވި ވެއްޓިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން