ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله (މ)
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله (މ)
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް ކުރީގެ ދާޚިލީ ވަޒީރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ رحمه الله އުމުރުފުޅުން 55 އަހަރުގައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ އަވައްޓެރި ސްރީލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައި ގަތުމާ ގުޅިގެން ލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް 22މެއި 2018 ގައެވެ.

ޑރ. މަޖީދުގެ މަރާއި ގުޅިގެން ޝައިޚް އިމްރާން މިއަދު ވިދާޅުވީ، ޑރ. އަބްދުލްމަޖީދު رحمه الله ގެ ކުއްލި މަރާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ." އޭނާ ލިޔުއްވާފައިވެއެވެ.



ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން، ޑރ. މަޖީދަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން 2005 ވަނަ އަހަރު އުފެއްދި އަދާލަތު ޕާޓީގެ އެއް ބާނީވެސް މެއެވެ. އަދި ޑރ. މަޖީދު ވަނީ އެޕާޓީގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑރ. މަޖީދަކީ ރާއްޖޭން ގުރުއާނުގެ ތަފްސީރުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އަދި ތައުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައި، ދިވެހިބަހާއި އަރަބި ބަހުންވެސް ފޮތްތައް ލިޔުއްވާފައިވެއެވެ. ކީރިތި ޤުރުއާނާއިބެހޭ މަރުކަޒު އުފެއްދުމުން އެ މަރުކަޒުގެ ފުރަތަމަ ރައީސްކަންވެސް ކުރައްވާފައިވާ ޑރ. މަޖީދު އަވަހާރަވިއިރު ހުންނެވީ އަދާލަތު ޕާޓީގެ އިލްމެވެރިންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ.

ޑރ. މަޖީދު އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ޚުލްގުހެޔޮ، މަޑުމައިތިރި، އަޚްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.

ޑރ. މަޖީދުގެ ކުއްލި އަވަހާރަވުމާމެދު ޝައިޚް އިމްރާން ޝައްކު އުފައްދަވާފައި މިވަނީ، ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله މިމަހުގެ 9 ވަނަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަ ވެފައިވާ ދަނޑިވަޅެއްގައެވެ.

ޢުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދު އަވަހާރަ ވެފައިވަނީ، ރާއްޖޭން މެލޭޝިއާއަށް ވަޑައިގެން އެއަރޕޯޓުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ. ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ ޙަލާލު ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތަށެވެ.

ރާއްޖޭގެ މަޝްހޫރު ދެ ޢިލްމުވެރިން ޒުވާން ޢުމުރުފުޅުގައި ކުއްލި ގޮތަކަށް އަވަހާރަވެފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ رحمه الله ވެސް މާލޭގައި ކަތިވަޅިއަކުން ޙަމަލާދީ ޝަހީދު ކޮށްލި ޙާދިސާގެ އަޑީގައި ތިބި ބަޔަކު މިއަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ. ޑރ. އަފްރާޝީމް އަލީ ޝަހީދު ކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ގެއަށް ވަޑައިގަތްތަނާ، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅިތެރެއިން އަނިޔާވެރި ރަޙުމްކުޑަ ގޮތަކަށެވެ.

ޑރ. މަޖީދުގެ ކުއްލި އަވަހާރަވުމާ ގުޅޭގޮތުން، ޝައިޚް އިމްރާން މިފަދަ ސީރިއަސް ތުހުމަތެއް ކުރަށްވާފައިވާއިރު، އެންމެ ފަހުން އޮތް އެމްޑީޕީގެ 5 އަހަރުގެ ވެރިކަމުގައި އިމްރާން ދާޚިލީ ވަޒީރުކަން ކުރެއްވި ނަމަވެސް، ޑރ. މަޖީދު އަވަހާރަވުމާ ގުޅޭ ގޮތުން ޝައްކު ކުރެވޭ ކަމެއް ފާހަގަވި ކަމަށް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން