ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ނުލިބޭ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޙީދު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުން ފެންނަނީ ރައްޔިތުންނަށް ގޮންޖައްސަވައިގެން ގަދަބާރުން ކަންތައްތައް ޙާސިލުކުރުމަށް އުޅުއްވާ މަންޒަރު ކަމަށެވެ. އެގޮތުން ޑޮލަރުގެ ސިޔާސަތާއި، ދުންފަތާއި ވޭޕްގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ވަޙީދު ވަނީ ފާޑު ވިދާޅުވެފައެވެ.

ވަޙީދު ވިދާޅުވީ، ސަރުކާރުގެ ޑޮލަރު މާރުކުރާ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ލިބޭ މަންޒަރު ނުފެންނަ ކަމަށާއި، ރައްޔިތުންނަށް ޑޮލަރު ގަންނަން ލިބޭ ރޭޓު ވެސް އިތުރަށް ދަނީ މަތިވަމުން ކަމަށެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކާ ސަރުކާރުން ޖެހިގަނެގެން އުޅުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށްވެސް ވަޙީދު ވިދާޅުވެފައިވެއެވެ.

“ޑޮލަރުގެ ކަންތައްތަކުގައި ވިޔަފާރިވެރީންނަށް ގޮންޖައްސަވާފައި، ގަވާއިދު އެކުލަވާލަމުން އައި މަރުހަލާގައި ގޮންޖައްސަވާފައި އެކަން ކުރަށްވާނެ ކަމަށް ވިދާޅުވަމުން އައީ.” ވަޙީދު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޙީދު ވިދާޅުވީ، ރާއްޖެ މިހިސާބަށް ގެނައުމަށް މަސައްކަތް ކުރެއްވި ވިޔަފާރިވެރީންނާއި، ވިޔަފާރިތަކުން ކުރި މަސައްކަތް ސަރުކާރުން ގަބޫލުކުރާ މަންޒަރު ނުފެންނަކަމަށާއި، ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ސަރުކާރު ކުންފުނިތަކާ ހަވާލުކުރުމަކީ ރައްޔިތުންނަށް ތިޔާގިކަން ލިބުމުގެ ބަދަލުގައި ނިކަމެތިކަން ލިބޭނެ ކަމެއް ކަމަށެވެ.

ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތަށް ވަޙީދު ފާޑުވިދާޅުވެފައިވާއިރު، ބޭރުފައިސާއާއި ބެހޭ ގާނޫނުގެ ދަށުން، ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރި ތަކުން ރާއްޖޭގެ ބޭންކުތަކަށް ވަކި މިންވަރަކަށް ޑޮލަރު މާރުކުރުމަކީ މިހާރު މަޖުބޫރު ކަމެކެވެ. އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 އިންސައްތަ ބޭންކްތަކަށް މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން