ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
ރިޓަޔާމަންޓް ބެނެފިޓްގެ ގޮތުގައި އުއްތަމަ ފަނޑިޔާރަށް ފަސްލައްކަ ރުފިޔާ ދިނުން ބަލައި ނުގަނެވޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ އާއި މަހަކު 70،000 ރުފިޔާ ދިނުމަށް ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިވާތީ އެކަމާ ދެކޮޅު ހައްދަވައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ޖޭއެސްސީން އެގޮތަށް އެދިފައިވާއިރު، މިހާރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަސް ތެރޭގައި ރިޓަޔާކުރައްވަން ވަނީ ހުށަހަޅުއްވާފައެވެ.

ޖޭއެސްސީން މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ފަނޑިޔާރުން ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށެވެ. އަދި މިގޮތަށް މަޖިލީހުން ރުހުންދީފިނަމަ މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމަށް މިހާރު ގަނޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100 ރުފިޔާގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600 ރުފިޔާއެވެ.

އެކަމާ ގުޅިގެން ޑރ. ޝަމްހީދު ވިދާޅުވީ، މިއީ ޑީލެއްގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައިވާ ކަމެއް ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށާއި މިއީ ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއޮތްހާ ދުވަހު ތިބޭފުޅުން ދެއްކީ ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހެޔޭ. ރިޓަޔާމަންޓް ޕެންޝަން ކަނޑަން ޖެހެޔޭ. މި ހުރިހާ ވާހަކައެއް ދައްކާފައި މިއަދު ތިބޭފުޅުން އުއްތަމަފަނޑިޔާރާ ޑީލެއް ހަދަންވީމަ ބޮޑު ކުރަންވީ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ.” ޑރ. ޝަމްހީދު ވިދާޅުވިއެވެ.



އޭގެއިތުރުން ޑރ. ޝަމްހީދު ވިދާޅުވީ ޖޭއެސްސީން ދެތިން އަހަރު އުއްތަމަ ފަނޑިޔާރުކަން ކުރާ މީހަކަށް ދިނުމަށް ހުށައަޅާފައިވާ ޢަދަދަކީ ފަންސަވީހަކަށް އަހަރު އައިޖީއެމްއެޗްގައި ސީނިއަރ ނަރުހެއްގެ ވަޒީފާ އަދާކުރާ މީހަކަށްވެސް ނުލިބޭނެ މިންވަރު ކަމަށެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވާގޮތުން، މިހާރު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު، ފަނޑިޔާރުކަމުގައި ހޭދަކޮށްފައިވަނީ، ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެހެންނަމަވެސް އެ މަނިކުފާނު ދައުލަތަށް ހިދުމަތް ކުރައްވާތާ 24 އަހަރާއި ހަތަރު މަހާއި 18 ދުވަސް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން