ހައްވާ ޔުމްނު ރަޝީދު
ހައްވާ ޔުމްނު ރަޝީދު
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނުގެ ފައިނަލް ރިޕޯޓް ނިންމައި ރައީސަށް ހުށައަޅައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުޢިއްޒު ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ، ޔުމްނު ވެއްޓުނު ޙާދިސާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފައްދައި، ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިދިޔަ މޭ މަހުގެ 12 ވަނަ ދުވަހު ރިޔާސީ ކޮމިޝަނުން ވަނީ، އެމައްސަލާގައި މިހާރު ދަޢުވާ އުފުލާފައިވާ، ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލާއި ބައްދަލުކޮށް ސުވާލު ކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން މީސް މީޑިއާގައި މިއަދު ޙިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ކޮމިޝަނާ ޙަވާލުކުރެވުނު މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ކަމަށެވެ.



ރިޔާސީ ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި، ޑރ. މޫސާ މުރާދާއި، ޖަބީން މުހައްމަދާއި، އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.

މިޙާދިސާގައި އަނިޔާލިބުނު ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި އެ މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށް ޔުމްނު ބުނާ ކަމަށެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އޭޕްރީލް މަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ. އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ޙާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހެކެވެ.

ފުލުހުން މީގެކުރިން ވަނީ ޔުމްނު ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ފުންމާލީ އަމިއްލައަށް ކަމަށްވެސް ބުނެފައެވެ. އަދި ރައުދާއި، ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު ފުލުހުން އާންމުކޮށްފައިވެއެވެ. އެ މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލާ ފާސްކޮށްފައިވާ ކަމަށާއި ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެފަހުން ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާކަމަށާއި، ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ރައުދުގެ މައްޗަށް އެ ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން ރައުދަށް އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށްއެދި ކަމާގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން