ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ޙާދިސާގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނަށްވެސް ޔުމްނުގެ ބަޔާން ނުލިބުނު ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުޢިއްޒު ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ، ޔުމްނު ވެއްޓުނު ޙާދިސާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފައްދައި، ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިންމުމަށްފަހު، އެކޮމިޝަނުގެ ރިޕޯޓް ރައީސް މުޢިއްޒަށް މިއަދު އެރުވުމުން އެމަނިކުފާނު މިއަދު އަންގަވާފައިވަނީ، އެ ރިޕޯޓް އާންމު ކުރުމަށެވެ.

އެކަމާގުޅިގެން ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުނައްވަރާއި ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ބުނެފައިވަނީ، ޔުމްނު ވެއްޓުނު ޙާދިސާގެ ރިޕޯޓަށް އޭނާގެ ބަޔާން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމަށް އާއިލާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބުނު ކަމަށްވެސް ޑރ. މުނައްވަރު ވިދާޅުވެފައިވެއެވެ. އަދި ރައީސަށް ފޮނުވި ރިޕޯޓުގައިވެސް ޔުމްނުގެ ބަޔާން ނުވާނެ ކަމަށާއި، ޔުމްނުގެ ބަޔާން ނެގުމަށް ކުރެވުނު މަސައްކަތް ވަރަށް ސާފުކޮށް ރިޕޯޓުގައި ލިޔެފައިވާނެ ކަމަށް މުނައްވަރާއި ޙަވާލާދީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކަށް އާންމުންގެ އެހީތެރިކަން ހޯދުމަށް އެކޮމިޝަނުން ހާއްސަ ޕޯޓަލެއްވެސް ހުޅުވާލިއެވެ.

މިޙާދިސާގައި އަނިޔާ ލިބުނު ޔުމްނު ހޭ އެރިފަހުން ޔުމްނު ބުނި ކަމަށް ބުނެ އޭނާގެ އާއިލާއިން ބުނެފައިވަނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި އެ މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށް ޔުމްނު ބުނާ ކަމަށެވެ.

ޔުމްނުގެ މައްސަލާގައި ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އޭނާގެ ބަޔާން ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ބުނެފައިވަނީ، ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާކަމަށާއި، ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ އެއްވެސް ތަހުގީގަކަށް އާއިލާގެ ފަރާތުން ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން