އީރާންގެ ތެޔޮ ސައިޓެއް-
އީރާންގެ ތެޔޮ ސައިޓެއް-
މެދުއިރުމަތީގެ މައްސަލަ މުޅިން ގޯސްވެ ހަމަނުޖެހުން ބޮޑުވެފައިވާ ހައްސާސް ދަނޑިވަޅެއްގައި އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް އަމާޒުކޮށް އިޒްރޭލާއި އެމެރިކާއިން ހަމަލާތަކެއް ދިނުމަކީ، ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ދުނިޔޭގެ އިޤްތިސާދީ މާހިރުން ލަފާކުރެއެވެ. މި ހަމަލާތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އެކަމުގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް މިހާރުވެސް ވެރިވެފައިވާ ކަމެކެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ވަނީ އީރާނުގެ ބޮޑެތި ނިއުކްލިއަރ ސައިޓުތަކަށް، ވަކިން ޚާއްސަކޮށް ނަތަންޒާއި ފޯޑޯފަދަ ނިއުކްލިއަރ އިސްލާހީ މަރުކަޒުތަކަށް، ވައިގެ މަގުންނާއި ސައިބަރ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެމެރިކާއިން ބުނާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ އީރާނުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހުއްޓުވުމުގެ މަޤްސަދުގައެވެ. އެހެންނަމަވެސް މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އެ ގައުމުގެ ނިއުކްލިއަރ ސައިޓުތަކަށް ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަދި މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، ގަލްފް އޮފް ހޯމުޒް ނުވަތަ މަޝްހޫރު ހޮރުމޯޒް ކަނޑު އޮޅި ބަންދުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މިއީ ދުނިޔޭގެ ތެލުގައި ސަޕްލައިގެ އެންމެ ބޮޑު އިންސައްތައެއް ދައުރުކުރާ ކަނޑުއޮޅިއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިއީ ދުނިޔޭގެ ތެލުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބި، ތެލުގެ އަގު ބޮޑުތަނުން އުފުލިގެންދާނެ ސަބަބެކެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް މިފަދަ ބުރުލެއްއެރުމަކީ، ތެޔޮ ބެރަލެއްގެ އަގު ސަތޭކަ ޑޮލަރަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް އިޤްތިސާދީ ތަހުލީލުތައް ބުނެއެވެ.

ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށްވީއިރު، މި ގައުމަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ކަރަންޓު އުފެއްދުމާއި، ދަތުރުފަތުރުގެ ހުރިހާ ވަސީލަތެއް ހިންގުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަންފަދަ ސިނާއަތްތަކަކި ތެލަށް ބަރޯސާވާ ސިނާއަތްތަކެކެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ހީވެސް ނުކުރާހަމާ ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެކަމީ އެއްވެސް ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ތެލުގެ އަގު އުފުލުމުން ރާއްޖެއަށް ކުރާނެ އަސަރު:



- ކަރަންޓުގެ އަގު ބޮޑުވުން:

ރާއްޖޭގައި ކަރަންޓު އުފައްދަނީ ޑީސަލް ބޭނުންކޮށްގެންނެވެ. ތެލުގެ އަގު އުފުލުމާއެކު ކަރަންޓު އުފެއްދުމުގެ ޚަރަދު ބޮޑުވެ، ކަރަންޓު އުފައްދަން ކުރާ ހޭދަ ފޫބައްދަން ސަރުކާރަށް މަޖުބޫރު ވާނެއެވެ. އެބުރަ އުފުލުމުގެ ހަކަތަ ސަރުކާރުގައި ނެތް ހާލަތެއްގައި އޭގެ ބުރަ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް އުފުލަން ޖެހޭނެއެވެ. މީގެ ސަބަބުން އާންމު ދިރިއުޅުމުގެ ޚަރަދުތައް އިތުރު ހަރުފަތަކަށް އުފުލިގެން ދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

- ދަތުރުފަތުރުގެ ޚަރަދު ބޮޑުވުން: ރާއްޖޭގެ ދަތުރުފަތުރު ހިނގަނީ ކަނޑުމަގުންނާއި ވައިގެ މަގުންނެވެ. އުޅަނދުފަހަރާއި، ބޯޓުފަހަރު އަދި މަތިންދާބޯޓުތަކަށް ބޭނުންކުރާ ތެލުގެ އަގު އުފުލުމުން، އެތެރޭގެ އުދުހުންތަކާއި އާންމު ދަތުރުފަތުރުގެ އަގު ބޮޑުވެގެންދާނެ ކަމީ ޔަގީންވާކަމެކެވެ. މީގެ ސަބަބުން އާންމު ރައްޔިތުން ދަތުރުފަތުރަށް ކުރާ ޚަރަދު އިތުރުވެ، ދިރިއުޅުމުގެ ބުރަ ބޮޑުވާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

- އާންމު ބާވަތްތަކުގެ އަގު އުފުލުން: ތެލުގެ އަގު އުފުލުމުން މުދާ އުފުލުމުގެ ޚަރަދު ބޮޑުވެ، ބާޒާރުގައި ވިއްކާ ކާބޯތަކެއްޗާއި، އެހެނިހެން ބާވަތްތަކުގެ އަގު އުފުލުމަކީ ނުވެނުދާނެ ކަމެކެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން އިތުރުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.

- ފަތުރުވެރިކަމަށް އަސަރުކުރުން: ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަމެވެ. ތެލުގެ އަގު އުފުލުމުން ރިސޯޓުތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް، ޚާއްސަކޮށް ކަރަންޓާއި، ސަޕްލައި އުފުލުމާއި ފަތުރުވެރިން އުފުލުމުގެ ޚަރަދު އެތައްތަނަކުން ބޮޑުވެގެންދާނެއެވެ. އަދި ބައިނަލްއަޤުވާމީ އެއާލައިންތަކުގެ ޓިކެޓުގެ އަގު ބޮޑުވުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އެރުމަކީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

އީރާނުގެ ނިއުކްލިއަރ ސައިޓުތަކަށް ދިން ހަމަލާތަކާއެކު އިޒްރޭލާއި އިރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރި، އެސަރަހައްދުގައި އުފެދޭ ބިޔަ، ބޮޑު ހަނގުރާމައިގެ ވިލާގަނޑު ދުނިޔޭގެ އެތައް މިތަނަށް ފެތުރިގެން ދިއުމުން ތެލުގެ ބާޒާރަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތަކުގެ ބިރު ވަރަށްވެސް ބޮޑެވެ. މިކަމުގެ ސީދާ އަސަރު ރާއްޖެއަށް ކޮށް، ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު ސަރުކާރުން މިކަމަށް ތައްޔާރުވެ، މިހާރުން މިހާރަށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން