ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަން
ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަން
ހިތަކީ މުޅި ހަށިގަނޑަށް ލޭ ފޮނުވައިދޭ މަރުކަޒެވެ. މިއީ ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އޮކްސިޖަނާއި ހަކަތަ ފޯރުކޮށްދޭ ވަސީލަތެވެ. ހިތުގެ ސިއްހަތު ގޯސްވާނަމަ އޭގެ ސަބަބުން ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވެއެވެ. އޭގެ ތެރޭގައި ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ ބަލިތަކަކީ ފުރާނައަށް ނުރައްކާވެދާނެ އަދި ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލާނެ ބަލިތަކެކެވެ. އެހެންކަމުން، ދިގު އުމުރެއް ދިރިއުޅެ، ދުޅަހެޔޮކޮށް އުޅެވުމަށް ހިތުގެ ސިއްހަތަށް ސަމާލުކަން ދިނުން މުހިންމެވެ.

ހިތުގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. އެގޮތުން ތަރުކާރީ، މޭވާ، ގޮވާމުގެ ބާވަތްތައް ގިނައިން ބޭނުންކުރަން ވާނެއެވެ. އަދި ގިނައިން އެކުލެވޭ ކާނާ، ޕްރޮސެސްކޮށްފައި ހުންނަ ކާނާ، އަދި ހަކުރު ގިނަ ބުއިންތައް މަދުކުރަން ޖެހެއެވެ. ހަމަ އެހެންމެ، ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަކީ ލޭމައްޗަށްދިޔަ ނުދިނުމަށް އެހީވެދޭ ކަމެކެވެ.

އަދި ކަސްރަތު ކޮށް މީހާ ހަރަކާތްތެރިވުމަކީވެސް ހިތުގެ މައްސަލަތަކުން ދުރުވާން ބޭނުންނަމަ ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ވަންދެން ހިނގުން، ދުވުން، ނުވަތަ އެހެނިހެން ކަސްރަތުތައް ކުރުމަކީ ހިތް ވަރުގަދަކޮށްދީ، ލޭ ދައުރުކުރުން ރަނގަޅުކޮށްދޭ ކަމެކެވެ. މިއީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ސްޓްރެސް ކޮންޓްރޯލު ކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދުމަކީ ވެސް ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމެވެ. ދިރިއުޅުމުގައި ބިޒީވެ ސްޓްރެސްވާނަމަ އޭގެ އަސަރު ހިތުގެ ސިއްހަތަށް ކުރެއެވެ. ވީމާ ކޮންމެވެސް ގޮތަކަށް ސްޓްރެސް މެނޭޖު ކުރުމަކީ މުހިންމު ކަމެކެވެ. އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ގަޑި އިރު ނިދުމަކީވެސް ހިތުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ހިތުގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަކީ ދިގު އުމުރެއް ދުޅަހެޔޮކޮށް އުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަތީގައިވާ ކަންތައްތަކަށް ސަމާލުކަން ދީގެން ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަކީ ހިތުގެ ބަލިތަކުން ދުރުހެލިވެ، ހަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން