ރައީސް މުއިއްޒު
ރައީސް މުއިއްޒު
ހާރިޖީ ސިޔާސަތު އެކުލަވާލުމުގައި އަންހެނުންގެ ދައުރު މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް އެފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.

އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއްކަމަށެވެ.

އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތްފެށި އިރު، ރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ގައުމުކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާންޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ރާއްޖެއިން ވަކާލާތުކުރައްވާނެ ކަމަށެެވެ.

ރައީސް ވިދާޅުވީ އެފަދަ ދުވަހެއް ފާހަގަކުރުމަކީ ޚާރިޖީ ގުޅުންތައް ފުޅާކުރުމުގައި އަންހެންކަނބަލުންގެ ދައުރު ފާހަގަކޮށް، އެފަދަ ދާއިރާތަކުގައި އަންހެންކަނބަލުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ހިތްވަރެއްކަމަށެެވެ.

އަދި، ރާއްޖެއިން މިންތީގެ ފަރަގު ނައްތާލުމަށް އަބަދުވެސް ވަކާލާތުކުރަމުން ގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ސަބަބުން، މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުލިބި، އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ސަލާމަތާއި ތަރައްޤީ، ކުރިމަގުގައި ބައްޓަންވެ، ތަރައްޤީވަމުންދާނީ އަންހެންކަނބަލުންގެ ބައިވެރިވުމާއެކު، އެކަނބަލުންގެ އިސްނެގުމާއެކުކަމުގައި ކުރައްވާ އުންމީދު އައުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން