މޫސުން ގޯސް ދުވަހެއްގެ ފޮޓޯ
މޫސުން ގޯސް ދުވަހެއްގެ ފޮޓޯ
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައިގެން ސިފައިން މިހާރުވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާފައިވާއިރު، އޭގައި ތިބި މީހުންގެ ޢަދަދު ސާފުވެފައެއް ނުވެއެވެ. އޭގެން ދަތުރު ކުރި މީހުން ބައެއް މީހުން މިހާރުވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި ހޮސްޕިޓަލަށް ގެންދިޔަ 5 މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ނިޔާވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ދިވެއްސެކެވެ.



މިހާދިސާގެ އިތުރު މައުލޫމާތު ހާމަކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީން ކަމަށެވެ.

އަދި، އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން