ވޮރަންޓް އޮފިސަރ ގްރޭޑް 2، އަލީ ހާމިދު
ވޮރަންޓް އޮފިސަރ ގްރޭޑް 2، އަލީ ހާމިދު
ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ ގްރޭޑް 2، އަލީ ހާމިދުގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނެފައިވަނީ ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓް މިއަދު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ޙާދިސާގައި ސިފައިންގެ މީހަކު ނިޔާވެފައިވާ ކަމަށާއި، ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އުޅަނދުން 6 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި، އާންމުންގެ މީހަކާއި، ބަންގްލަދޭޝަށް ނިސްބަތްވާ 3 ބިދޭސީން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

“އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި.“ އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މީސް މީޑީއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތް ކުރައްވާފައި ކަމަށެވެ. އަދި އޭނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ޤައުމީ ޚިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

“މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އަޅުގަނޑަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ.” ރައީސް ވިދާޅުވެފައިވެއެވެ.



މިޙާދިސާގައި މިހާތަނަށް ސަލާމަތްވި 4 މީހުން ގެންގޮސްފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ.

މިޙާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު