މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
އެކި ދާއިރާތަކުން ރާއްޖެއާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ހާއްސަ ވަފުދުގެ ބޭފުޅުންނާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، އެ ވަފުދުގެ ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސް އޮފީހުން ބުނީ، އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖެ-ތުރުކީގެ އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕަށް ރައީސް މަރުހަބާ ދަންނަވައި، ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެ ބޭފުޅުންނަށް ދައުވަތު ދެއްވި ކަމަށެވެ.

އިންޓަޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގައި ގިނަ ޕާޓީތައް ތަމްސީލުވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށާއި އެކި ދާއިރާތަކުން ތުރުކީއާ އެކު ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ބިނާކުރަނިވި މަޝްވަރާތައް އެ ބޭފުޅުން ކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެ އޮފީހުން ބުނީ ފަލަސްތީނުގެ މައްސަލާގައި ތުރުކީން ގެންގުޅޭ ސިޔާސަތަށް ރާއްޖެ އިން ތައުރީފު ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށާއި އެ މައްސަލާގައި ރާއްޖެ އިން ވެސް އެފަދަ ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތަފްސީލަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އިގުތިސާދީ އިސްލާހީ މަސައްކަތްތަކާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމަށް ހިންގާ ޕްރޮގްރާމްތަކާ އަދި އިއާދަކުރަނިވި ހަކަތައަށް ކުރެވޭ އިންވެސްޓްމަންޓާ ބެހޭ މައުލޫމާތު އެމަނިކުފާނު ވަނީ ވަފުދާ ހިއްސާކުރައްވާފައެވެ.

ތުރުކީގެ ވަފުދުގެ ބޭފުޅުންގެ ވާހަކަތަކުގައި މަތީ ތައުލީމާއި ޓޫރިޒަމް އަދި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިގުތިސާދީ ގުޅުންތައް ހަރުދަނާކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން