އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ސަރުކާރަށް ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވުމުގެ ބުރަ އުފުލަން މިޖެއްސީ ރައްޔިތުންނަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ޓެމޫ އާއި، ޝެއިން ފަދަ ސައިޓުތަކުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނެގުމަށް ބީއެމްއެލް އިން މިއަދު ނިންމުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅު ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ، ރަސްމީ މަލްޓިޕަލް އެކްސްޗޭންޖް ރޭޓް ސިސްޓަމެއް ތަންފީޒު ކުރުމުގެ މަރުހަލާއަށް ބޭންކުތަކުން ދިޔުމަކީ މިހާރު އޮތް ޕީއެންސީ ސަރުކާރު ފެއިލްވެފައިވާކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ. އަދި ބީއެމްއެލް އިން ނަގާ 30 ޕަސަންޓުގެ ފީގެ ސަބަބުން އެކްސްޗޭންޖް ރޭޓު މަތިވެ، ރުފިޔާއަށް ޑޮލަރު ބަދަލު ކުރުމުގެ ޕެރެލަލް މާކެޓު ރަސްމީ ވެގެންދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް ލިބުމުގެ ކުރިން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންނާއި މަޝްވަރާކޮށް ލަފާ ހޯއްދަވައިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފައްޔާޒް ވަނީ ސަރުކާރަށް ގޮވައިލައްވާފައެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ބީއެމްއެލް އިން މިއަދު ވަނީ، ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ޑެބިޓް ކާޑުން ފައިސާދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމާފައެވެ.

ބޭންކުން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން